ENGLISH
06 ޖުލައި 2025
އެމްބާޕޭގެ މޮޅު ކުޅުމާއެކު ޖަރުމަން ބަލިކޮށް، ފްރާންސް ތިންވަނަ ހޯދައިފި
08 ޖޫން 2025
|
ޖަރުމަން ކޮޅަށް ލަނޑުޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމާއެކު ޖަރުމަން 2-0 އިން ބަލިކޮށް، ފްރާންސް އިން ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ މަގާމު ހާސިލްކޮށްފިއެވެ.
ސްޓުޓްގާޓްގެ އެމްއެޗްޕީ އެރީނާގައި މިރޭ ކުޅުނު މެޗުގައި ފްރާންސް ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ ދިން ޕާހެއްގެ އެހީގައި އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސްގެ ޖާޒީގައި އެމްބާޕޭގެ 50 ވަނަ ގޯލެވެ.
އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ފްރާންސްގެ ދެވަނަ ލަނޑުޖަހައިދޭން ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް އެމްބާޕޭ އެވެ. ޖަރުމަންގެ ޑިފެންޑަރު، ރޮބިން ކޮޗް ހެދި ގޯހެއްގެ ފައިދާނަގައި، ލިބުނު ބޯޅައެއް އަމިއްލަ އަށް އެ ބޯޅަ ފޮނުވާލުމުގެ ބަދަލުގައި އެމްބާޕޭ ވަނީ މައިކަލް އޮލީސޭ އަށް ފުރުޞަތު ފަހިކޮށްދީފައެވެ.
ޖަރުމަނާ ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
މި މެޗުގައި ޖަރުމަނަށް ލަނޑުޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، ކަރީމް އަޑެޔެމީ ފޮނުވާލި ތިން ބޯޅައެއް ފްރާންސްގެ ގޯލްކީޕަރު، މައިކް މައިގްނޯން ހުއްޓުވިއިރު، ފްލޮރިއަން ވާޓްޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަންގެ އަޑެޔެމީ އަށް ފްރާންސްގެ ކީޕަރު، މައިގްނޯން ފައުލުކުރިކަމަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމުމަށްފަހު، ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު އެ ނިންމުން ވަނީ ބާތިލްކޮށްފައެވެ.
އޭގެފަހުން، ފަހު ހާފުގައި ޖަރުމަންގެ ފޯވާޑް، ޑެނިޒް އުންޑަވް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ފްރާންސްގެ އެޑްރިއެން ރަބިއޯ އަށް ޖަރުމަންގެ ނިކްލަސް ފުލްކްރުގް ފައުލުކުރިކަމަށް ނިންމާ، ރެފްރީ އެ ލަނޑު ބަލައިނުގަތެވެ.
ޖަރުމަނާ ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ފްރާންސްގެ ލީޑު ފުޅާކޮށްދޭން މާކަސް ތުރާމް ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، އެމްބާޕޭ ފޮނުވާލި ބޯޅައެއް ޖަރުމަންގެ ކީޕަރު، މާކް އަންދްރެ ޓަ ސްޓެގަން ވަނީ ހުއްޓުވައިފައެވެ.
މިއީ ޖަރުމަންގެ ކޯޗު، ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ.
މުބާރާތުގެ ފައިނަލުގައި މިރޭ ސްޕެއިން ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12 ޖަހާއިރު އެވެ.