ENGLISH
18 މޭ 2025
ފަހުވަގުތު މަހިބަދޫ ބަލިކޮށް ޓީސީ ސެމީ ފައިނަލަށް
17 މޭ 2025
|
ޓީސީއާ މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް
އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބު 2-1 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޓީސީން ލީޑުނެގީ މާޔިޒް ވަހީދު ކާމިޔާބުކުރި ގޯލުންނެވެ. މި ހާފު ނިމުނީ 1-0 އިން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 82 ވަނަ މިނެޓުގައި މަހިބަދޫ އަށް އެއްވަރުކޮށްދިނީ މާޒިޔާގެ ކުރީގެ ފޯވާޑް، އަސަދުﷲ ޢަބްދުﷲ އެވެ. އޭނާ ކުޅެން ނިކުތީ ފަހު 15 މިނެޓަށެވެ.
ޓީސީ މޮޅުވި ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޢަބްދުﷲ ރިޒާން އެވެ.
މި މޮޅާއެކު، ޓީސީ ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. މިވަގުތު ލީގުގެ ފުލުގައި އޮތް މަހިބަދޫ އަށް ޕޮއިންޓެއް ނުލިބެއެވެ. އެ ޓީމަށް ބާކީ އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ޓީސީ އަތުން ބަލިވިޔަސް މަހިބަދޫއަށް އަދި ސެމީ ފައިނަލުގެ ފުރުސަތެއް ނުގެއްލެއެވެ.
މުބާރާތުގެ ސެމީގައި ވާދަކުރާނީ ލީގު ބުރަށްފަހު އެންމެ ކުރިހޯދާ ހަތަރު ޓީމެވެ. އެގޮތުން، ލީގުގެ އެއްވަނަ ޓީމު ނިކުންނާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. އަނެއް ސެމީގައި ދެވަނަ ޓީމު ބައްދަލުކުރާނީ ތިންވަނަ ޓީމާ އެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ނިއު ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.