ENGLISH

18 މޭ 2025

Advertisement

މިފަހަރު ވެސް ޗެމްޕިއަނަކީ ރިހާން، އަޔާނާ މަޤާމު ދިފާއުކޮށްފި

17 މޭ 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ފުރަތަމަ އިވެންޓް ކާމިޔާބުކުރި ރިހާން (ކ) އާއި އަޔާނާ. --ފޮޓޯ: އިމޭޖަސް.އެމްވީ / ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

"ނޭޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން 2025" ގެ ފުރަތަމަ އިވެންޓްގެ ޗެމްޕިއަންކަން މުޙައްމަދު ރިހާން ޝިހާމް އާއި އަޔާނާ އަފީފް ހޯދައިފިއެވެ.

ކ. ކުޑަގިރީގައި ކުރިއަށްދާ މި ފަހަރުގެ 16 ވަނަ ޤައުމީ ދިގު ފެތުމުގެ މުބާރާތުގެ އެންމެ ފުރަތަމަ ބޭއްވީ ފަސް ކިލޯމީޓަރުގެ ފެތުމުގެ މުބާރާތެވެ.

މިއީ މުބާރާތުގެ ފަސް ކިލޯމީޓަރުގެ ފެތުމުގެ މުބާރާތް ރިހާން ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އަޔާނާ ވެސް މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ އިވެންޓްގެ ޗެމްޕިއަންކަން ހޯދުމަށްފަހު ރިހާން ބުނީ، މާބޮޑު ތައްޔާރީތަކެއް ނުވާ ކަމަށާއި، އާއްމުގޮތެއްގައި ޕޫލްގައި ކުރިއަށްގެންދާ ފަރިތަކުރުންތައް ފިޔަވައި ވަކިން ހާއްސަ އެހެން ކަމަށް ފޯކަސް ނުކުރާ ކަމަށެވެ.

"ވަރަށް އުފާވޭ ޖެހިޖެހިގެން ތިން އަހަރު ކާމިޔާބު ލިބުނީމަ. މި ކަހަލަ ފުރުޞަތު ލިބޭތީވެ އަސްލު ވަރަށް އުފާވެ،" ރިހާން ބުންޏެވެ.

އަޔާނާ ވަނީ، ކުރީ އަހަރުތަކަށްވުރެ މިއަހަރު ތަންކޮޅެއް އުނދަގޫވިނަމަވެސް އެއްވަނަ މަގާމު ހާސިލްކުރެވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އެއީ، ކުރީ ފަހަރަށްވުރެ މިފަހަރު އޮއިގަދަ ކަމުން ކަމަށް ވެސް އަޔާނާ ފާހަގަކުރިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، ސައްތާރު. --ފޮޓޯ: އިމޭޖަސް.އެމްވީ / ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުބާރާތާ ގުޅޭގޮތުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ، މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ފޯރިގަދަކޮށް ކަމަށެވެ.

އެގޮތުން، މުބާރާތުގައި ބައިވެރިވި ފެތުންތެރިންގެ އަދަދު އިތުރުވެފައިވުމުން ވެސް އެކަން ދޭހަކޮށްދޭއިރު، ކުރީ އަހަރުތަކަށްވުރެ މި ފަހަރުގެ މުބާރާތުގެ އިންތިޒާމްތައް ރަނގަޅު ކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.

އެހެން ފަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތް ވެސް ކުޑަގިރީގައި ކުރިއަށްގެންދާތީވެ ފަސޭހަތަކެއް ހުރިއިރު، އަހަރުން އަހަރަށް އެކަމުގައި ފައިދާތަކެއް ވެސް އެބަހުރި ކަމަށް ސައްތާރުގެ ވާހަކައިގައި ފާހަގަކުރިއެވެ.

މުބާރާތުގެ އެންމެހާ ކަންކަން ފުރިހަމައަށް ގެންދިއުމަށް ކުޑަގިރީގެ އިތުރުން ޕޮލިހާއި އެމްއެންޑީއެފްގެ ފަރާތުން ލިބެމުންއަންނަ އެހީތެރިކަން ފާހަގަކޮށް، ސައްތާރު ވަނީ، މި ފަހަރުގެ މުބާރާތުގައި އެމްޓީސީސީގެ ފަރާތުން ވެސް ލިބެމުންއަންނަ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

މި އަހަރުގެ މުބާރާތުގައި ހުރިހާ ކެޓަގަރީއަކުން މުޅިއެކު 281 ފެތުންތެރިން ބައިވެރިވެފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ މިދިޔަ އަހަރު ބައިވެރިވި ފެތުންތެރިންނަށްވުރެ އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު