ENGLISH
18 މޭ 2025
އެސްޕަންޔޯލް ބަލިކޮށް، ބާސާ އިން 28 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި
16 މޭ 2025
|
އެސްޕަންޔޯލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޔަމާލް (ވ) އާއި ބަލްޑޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު 'ޑާބީ' ގައި އެސްޕަންޔޯލް 2-0 އިން ބަލިކޮށް، ބާސެލޯނާ އިން ބާކީ ދެ މެޗު އޮއްވާ، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.
މިއީ ބާސެލޯނާ އިން މުބާރާތުގެ ތަށި ކާމިޔާބުކުރި 28 ވަނަ ފަހަރެވެ. ލީގުގެ އިތުރުން ބާސެލޯނާ އިން ވަނީ ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.
އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމު ވަނީ މޮޅު ކުޅުމެއްދައްކައި ބާސެލޯނާގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. މި ހާފުގައި ބާސެލޯނާ އަށް އެދެވޭ ކުޅުމެއްދެއްކިފައިނުވާއިރު، ހާފު ނިންމާލީ 0-0 އިން އެއްވަރުވެގެންނެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކޮށް، އެ ޓީމު ވަނީ 53 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ޑަނީ އޮލްމޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އެވެ.
އަދި އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނުކުތް ފާމިން ލޮޕޭޒް އެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ޔަމާލް އެވެ.
ބާސެލޯނާއާ ލީގުގެ ޓްރޮފީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައިކަމަށް އެ ކުލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މޮޅާއެކު، ބާސެލޯނާ ވަނީ 36 މެޗުން 85 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 78 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އަށް ޕޮއިންޓް ފަހަތުން ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ހަތަރުވަނައިގައި އުޅޭ އެތުލެޓިކް ބިލްބާއޯ އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ.
މި މުބާރާތުގައި ބާސެލޯނާ ދެން ކުޅޭ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.