ENGLISH

16 މޭ 2025

Advertisement

ރާއްޖޭގެ ކުޅިވަރު ކުރިއެެރުވުމާ ގުޅޭގޮތުން ޗައިނާއާ އެކު މުޙިއްމު މަޝްވަރާތަކެއް

16 މޭ 2025

|

މުޙައްމަދު އަދުހަމް

ޗައިނާގެ އައު ސަފީރާއެކު ވަޒީރު ރާފިޢު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ޗައިނާ ސަރުކާރުން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ ކޮންގ ޝިންހުއާއާ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ކުޅިވަރުގެ ރޮނގުން ޗައިނާ އާއި ދިވެހިރާއްޖޭގެ މެދުގައި ގުޅުން ވަރުގަދަކޮށް، ރާއްޖޭގައި އިތުރު ވަޞީލަތްތައް ޤާއިމުކުރުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

ޗައިނާގެ ސަފީރު، ކޮންގ ޝިންހުއާ އާއެކު ވަޒީރު ރާފިޢު ބޭއްވެވި ބައްދަލުވުމުގައި ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރުމާއި، ތަމްރީން ޕްރޮގްރާމްތަކާއި، ސްކޮލާޝިޕްގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައިވެއެވެ. މީގެއިތުރުން، ކުޅިވަރުގެ ފަންނީ މީހުން ތަރައްޤީކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ރާފިޢު ވަނީ، ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭގޮތުން މަޢުލޫމާތު ޗައިނާގެ ސަފީރު ކޮންގ ޝިންހުއާއާ ހިއްސާކުރައްވާ، ރާއްޖޭގެ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކާއި، ސާކް ސަރަހައްދުން ބޭރުގައި ވާދަކޮށް ކާމިޔާބީ ހާސިލްކުރުމަށް ކުރައްވާ މަސައްކަތްތައް ވެސް ތަފްޞީލްކޮށް ކިޔާދެއްވާފައެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންދެއްވަމުން، ސަފީރު ކޮންގ ޝިންހުއާ ވަނީ ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ، އެކަމަށް މަރުހަބާ ވެސް ދަންނަވާފައެވެ.

އޭނާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއް ކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައިފައެވެ. އަދި، އެ ކުޅުންތެރިންގެ ހުނަރު ތަރައްޤީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވެވިއެވެ.

މީގެކުރީން، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ވަނީ، އެމްއޯޔޫއެއްގައި ސޮއިކޮށް، ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށް މުހިއްމު މަސައްކަތްތަކެއް ވެސް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު