ENGLISH
18 މޭ 2025
ރެއާލް މޮޅުވީ ފަހު ވަގުތު، ބާސެލޯނާ ލީގު ހޯދުން މިރޭ
15 މޭ 2025
|
ރެއާލް މޮޅުވި ގޯލު ފަހު ވަގުތު ޖެހުމަށްފަހު އުފާފާޅުކުރަނީ. ލީގު ހޯދުމުގެ ހުރިހާ ބާރެއް އޮތީ ބާސެލޯނާ އަތުގަ.
ސްޕެނިޝް ލީގުގައި ރޭ އެއްވަރުވާން ދަނިކޮށް ރެއާލް މެޑްރިޑުން ފަހު ވަގުތު ގޯލު ޖަހައި އަމިއްލަ ދަނޑުގައި 1-2 އިން މަޔޯކާ ބަލިކޮށްފިއެވެ.
ރޭގެ މެޗު އެއްވަރުވި ނަމަ ބާސެލޯނާއަށް މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވީހެވެ. ފަހު ސިކުންތުގައި ރެއާލް މޮޅުވިޔަސް ލީގުގައި މިރޭ ރަށުން ބޭރުގައި އެސްޕަންޔޯލްއާ ވާދަކުރާ މެޗުން މޮޅުވެގެން ބާސެލޯނާއަށް މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.
ރެއާލްގެ ދަނޑުގައި ރޭ މަޔޯކާއިން ވަނީ 11 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ މާޓިން ވެލްޔެންޓެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 68 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ.
މެޗު އެއްވަރުވާނެކަމަށް ވަރަށް ބޮޑަށް ހީވެފައި އޮތުމާއެކު، ގިނަ ބަޔަކު ތިބީ ލީގު ޗެމްޕިއަންކަން ބާސެލޯނާއަށް ދީގެންނެވެ. އެކަމަކު ރެއާލްގެ ޒުވާން ތަރި ޖަކޯބާ ރާމޯން 95 ވަނަ މިނެޓުގައި ގޯލު ޖަހައި އެޓީމަށް މޮޅު ޔަގީންކޮށްދިނެވެ. ރޭގެ މެޗަކީ ރާމޯން ރެއާލަށް ކުޅެދިން ލީގު ދެވަނަ މެޗެވެ.
ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ 35 މެޗުން 82 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ރެއާލަށް 36 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. މިރޭ އެސްޕަންޔޯލް ބަލިކޮށްފިނަމަ ބާކީ ދެ މެޗު އޮއްވައި ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.
ރޭގެ މެޗަށްފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި، ބޭނުންވަނީ ސީޒަން ވީ އެންމެ ރަނގަޅަކަށް ނިންމާލަން ކަމަށެވެ.
މި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަން އަންޗެލޮޓީ ދޫކޮށްލާނެއެވެ. އޭނާ ދެން ފެންނާނީ މަޝްހޫރު ބްރެޒިލްގެ ކޯޗުކަމުންނެވެ. އަންޗެލޮޓީއަކީ ރެއާލަށް 15 ތަށި ހޯދައިދީފައިވާ އެ ކްލަބުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ.
ލީގުގައި އެސްޕަންޔޯލްއާ ބާސެލޯނާ ވާދަކުރާ މެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރެވެ.