ENGLISH

18 މޭ 2025

Advertisement

ޔުނައިޓެޑް ބަލިކޮށް، ޗެލްސީ ޗެމްޕިއަންސް ލީގުގެ އުއްމީދުތައް ދަމަހައްޓައިފި

17 މޭ 2025

|

މުޙައްމަދު އަދުހަމް

ޗެލްސީއާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް 1-0 އިން ބަލިކޮށް، ޗެލްސީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރު ހަރުފަތެއް ކައިރިއަށް ޖެހިލައިފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ މޮޅުވި ހަތަރުވަނަ ފަހަރެވެ. އަދި، މިއީ ލީގުގައި ޔުނައިޓެޑަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު އަށްވަނަ މެޗެވެ. މީގެތެރެއިން ހަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗު ފަށައިގެން ޔުނައިޓެޑު ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް، އެ ޓީމަށް ޗެލްސީގެ ގޯލު ފޫއަޅުވާލުމުގައި ކާމިޔާބެއް ނުލިބުނެވެ. މި ހާފުގައި ޔުނައިޓެޑުން ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާ، ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރިއެވެ.

ފުރަތަމަ ހާފުގައި ޗެލްސީ އަށް ލަނޑެއް ޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޖޭމްސް ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން ހުސްކޮށްހުރެ ނޮނީ މަޑުއެކޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޗެލްސީގެ ކެޕްޓަން، ޖޭމްސް (ވ) އާއި ކުކުރޭޔާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފުގައި ޗެލްސީ ކުޅުން ރަނގަޅުކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ ސްޕެއިނުގެ ޑިފެންޑަރު، މާކް ކުކުރޭޔާ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ކުކުރޭޔާ މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން، ރީސް ޖޭމްސް ނަގައިދިން ހުރަހެއްގެ އެހީގައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކެޕްޓަން، ޖޭމްސް ބުނީ، މެޗުގައި ފެނިގެންދިޔަ ލަނޑުޖެހި ހަމަލާ އަށް ފުރުޞަތު ތަނަވަސްކޮށްދިން ހުރަހުގައި ޕެނަލްޓީ އޭރިޔާ ތެރެއަށް އެ ބޯޅަ ފޮނުވާލުމުގެ ކުރީން ޖާގައާއި ވަގުތު ލިބިފައިވާކަން އޭނާ އަށް އެނގުނު ކަމަށާއި، ހަމައެގޮތަށް ބޮކްސްތެރޭގައި ކުކުރޭޔާ އެފަދަ ހުސް ޖާގަތަކަށް ދުވެ، އޭގެ ބޭނުންކުރަމުންދާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

ޖޭމްސް ވަނީ، ޗެމްޕިއަންސް ލީގަކީ ޗެލްސީ ނިސްބަތްވާ މުބާރާތެއް ކަމަށާއި، އެންމެ ބޮޑެތި މުބާރާތްތަކުގައި އެ ޓީމުން ވާދަކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޓޮޓްނަމްއާ އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

މި ނަތީޖާއާއެކު، ޗެލްސީ ވަނީ ލީގުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ކުޅުނު 37 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ނިއުކާސަލް ޔުނައިޓެޑް ތިންވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފަސްވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް ކުރިލިބެނީ ވެސް ފައިދާ ގޯލްގެ ތަފާތުންނެވެ.

މި މެޗުން ބަލިވި ޔުނައިޓެޑް އުޅެނީ ތާވަލްގެ 16 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެޒްރީ ކޮންސާ އާއި ބޫބަކާރް ކަމާރާ އެވެ.

ކިޔުންތެރިންގެ ހިޔާލު