ENGLISH
18 މޭ 2025
އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް އާތީ ހަމަޖައްސަން ފީފާއަށް ހުށަހަޅައިފި
14 މޭ 2025
|
އާތީ ޓީމަކަށް އިރުޝާދުދެނީ. ގައުމީ އަންހެން ޓީމާ ހަވާލުވާން ވަނީ ނިންމާފަ
ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް މުހައްމަދު އާތިފް (އާތީ) ހަމަޖައްސަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފީފާ އަށް ހުށަހަޅައިފި އެވެ.
އާތީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ކުރިމަތިލީ މިދިޔަ މާޗް މަހު އެފްއޭއެމުން އެ ފުރުސަތު ހުޅުވާލުމުންނެވެ. އެފްއޭއެމުން އާ ކޯޗެއް ހޯދަން ހުޅުވާލީ އެ މަގާމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އެއްބަސްވުން ހަމަވުމުންނެވެ.
ތަޖުރިބާކާރު ކޯޗު އާތީ އަކީ ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ. ހާއްސަކޮށް ގައުމީ އަންހެން ފުޓްބޯޅަ ޓީމާއެކު މީގެކުރިން ދެ ފަހަރަކު ކޯޗުކަން ކޮށްދިނެވެ. އެންމެ ފަހުން އަންހެން ޓީމަށް އާތީ އިރުޝާދުދިނީ 2019 ވަނަ އަހަރެވެ. އެފަހަރު އޭޝިއަން ގޭމްސްގައި އެކަށީގެންވާ ނަތީޖާތަކެއް ނެރުނެވެ.
އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް އާތީ ރަސްމީކޮށް ހަމަޖައްސާނީ ފީފާއިން އެޕްރޫވް ކުރުމުންނެވެ. އާތީ އެ މަގާމަށް ހަމަޖެހޭނެކަން ގާތްގަނޑަކަށް ޔަގީނެވެ. އެހެންވެ، އާތީ މިހާރުވެސް އަންނަނީ އަންހެން ގައުމީ ފުޓްބޯޅަ ޓީމާއެކު ޓްރެއިނިންތައް ބާއްވަމުންނެވެ.
އަންހެން ގައުމީ ފުޓްބޯޅަ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ފަށާ ވިމެންސް އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކުރާށެވެ. ކޮލިފައިންގައި ރާއްޖެއާ އެކު ގްރޫޕް އެޗްގައި ހިމެނެނީ، ވިއެޓްނާމް، ގުއާމް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ފުރަތަމަ މެޗުގައި ޖޫން 29 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ، ގްރޫޕުގެ މެޗުތައް ހޯސްޓްކުރާ ވިއެޓްނާމާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ގުއާމާ ދެކޮޅަށް ނުކުންނާނީ ޖުލައި ދެ ވަނަ ދުވަހެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔޫއޭއީއާ ދެކޮޅަށް ރާއްޖެ ކުޅޭނީ ޖުލައި ފަސް ވަނަ ދުވަހެވެ.