ENGLISH

18 މޭ 2025

Advertisement

އާޖެންޓީނާގެ 15 ހާހެއްހާ ސަޕޯޓަރުންނަށް ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ބަލަން ދަނޑަށް ނުވަދެވޭނެ

14 މޭ 2025

|

މުޙައްމަދު އަދުހަމް

އާޖެންޓީނާގެ ސަޕޯޓަރުންތަކެއް މެޗު ބަލަނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

އަންނަ މަހު އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ދަނޑަށް ނުވަދެވޭނެ އާޖެންޓީނާގެ 15 ހާހެއްހާ ސަޕޯޓަރުންގެ ލިސްޓެއް އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހަވާލުކޮށްފައިވާ ކަމަށް އާޖެންޓީނާގެ ސެކިއުރިޓީ މިނިސްޓަރ ޕެޓްރީޝިއާ ބުލްރިކް ވިދާޅުވެއްޖެއެވެ.

"މި ލިސްޓުގައި ހިމެނެނީ ސްޓޭޑިއަމްތަކަށް ވަނުން މަނާކުރެވޭނެ ގާތްގަނޑަކަށް 15 ހާހަށްވުރެ ގިނަ މީހުން. މިއީ އަހަރެމެންނަށް ވަރަށް މުހިއްމު ކަމެއް. އެއީ، އާޖެންޓީނާގެ ސްޓޭޑިއަމްތަކުގައި ކުށެއްކޮށް، އަނިޔާވެރި އަމަލެއް ހިންގާފައިވާ އެއްވެސް ފަރާތަކަށް މި ކުޅިވަރު އިވެންޓަށް ހާޒިރުވެވެން ނޯންނާނެތީވެ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ބުލްރިކް ވިދާޅުވިއެވެ.

މި ލިސްޓު އެކުލަވާލެވިފައިވަނީ "ޓްރިބިއުނާ ސެގޫރާ" ޕްރޮގްރާމް މެދުވެރިކޮށެވެ. މިއީ އާޖެންޓީނާގެ ސްޓޭޑިއަމްތަކަށް ވަނުން މަނާކުރެވިފައިވާ މީހުން ދެނެގަތުމަށް ބޭނުންކުރެވޭ ވަސީލަތެކެވެ.

ބުލްރިކް ވިދާޅުވީ، އާޖެންޓީނާގެ މިހާރުގެ ސަރުކާރު އުފެދުނީއްސުރެ 'ޓްރިބިއުނާ ސެގޫރާ' ގެ އެހީގައި 1300 އަށް ވުރެ ގިނަ މެޗުގައި ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ މީހުން މޮނީޓަރކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި، ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ 1،166 އެއްހާ މީހުން ދެނެގަތުމަށްފަހު، އެ ފަރާތްތަކަށް ސްޓޭޑިއަމްތަކަށް ވަނުން ހަނިކުރާ 40 އަށްވުރެ ގިނަ އެޑްމިނިސްޓްރޭޓިވް ޤަރާރު ނެރެފައިވާ ކަމަށް ވެސް ބުލްރިކް ވަނީ ވިދާޅުވެފައެވެ.

އަންނަ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 13 އަށް އެމެރިކާގައި ކުރިއަށްދާ މުބާރާތުގައި އާޖެންޓީނާގެ ދެ ކްލަބު ކަމަށްވާ، ބޮކާ ޖޫނިއާސް އާއި ރިވަރ ޕްލޭޓް ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު 30 ވަރަކަށް ކުލަބު ބައިވެރިވާނެ އެވެ.

އާޖެންޓީނާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ، ބޯކާ ޖޫނިއާސް ހިމެނެނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޖަރުމަންގެ ބަޔާން މިއުނިކާއި، ނިއު ޒީލެންޑްގެ އޯކްލޭންޑް ސިޓީގެ އިތުރުން ޕޯޗުގަލްގެ ބެންފިކާ އެވެ. މުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ އަނެއް ޓީމު ކަމަށްވާ، ރިވަރ ޕްލޭޓް ހިމެނުނު ގްރޫޕް އީ ގައި ދެން އޮތީ ޖަޕާންގެ އުރަވާ ރެޑް ޑައިމަންޑްސް، އުރުގުއޭގެ މޮންޓެރޭ އަދި އިޓަލީގެ އިންޓަރ މިލާނެވެ.

ކިޔުންތެރިންގެ ހިޔާލު