ENGLISH

18 މޭ 2025

Advertisement

އައިޕީއެލްގެ ކުޅުން މި މަހު 17 ގައި އަލުން ފަށަނީ؛ ފައިނަލް މެޗު ޖޫން 3 ގައި

13 މޭ 2025

|

މުޙައްމަދު އަދުހަމް

މުމްބާއީއާ ހައިދަރުއާބާދު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިންޑިއާ އާއި ޕާކިސްތާންގެ މެދުގައި އުފެދުނު ހަނގުރާމައިގެ ހާލަތާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި، މެދުކަނޑާލި އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގެ ކުޅުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްގެންދާން ނިންމައިފިއެވެ.

އެގޮތުން، އިންޑިއާގެ ކްރިކެޓްގެ މައި އިދާރާ، ބޯޑް އޮފް ކޮންޓްރޯލް ފޯރ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ރޭ އިޢްލާންކުރި އައު ތާވަލާ އެއްގޮތަށް މެއި މަހުގެ 17 ގައި އަލުން ކުޅުން ފަށާނެ އެވެ.

ބީސީސީއިން، އައިޕީއެލް އަލުން ކުރިއަށްގެންދަން ފެށުމާ ގުޅޭގޮތުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ، މުބާރާތް އަލުން ފެށުމުގެ ކަންކަން ނިންމުމުގެ ކުރިން އެ އިދާރާ އިން ވަނީ، "ސަރުކާރާއި ސެކިއުރިޓީ އޭޖެންސީތަކާއި އަދި ހުރިހާ މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި" ކަމަށެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި އެ ދެ ގައުމުގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމުގެ ސަބަބުން މެއި 9 ގައި އެއް ހަފްތާއަށް މެދުކަނޑާލެވުނު މުބާރާތުގެ ބާކީ ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަ ތަނެއްގައެވެ. އެއީ؛ ބެންގަލޫރު، ޖައިޕޫރު، ދިއްލީ، ލަކްނޯ، މުމްބާއީ އަދި އަހްމަދުއާބާދު ގައެވެ.

ލީގުގައި ބާކީ ހުރި މެޗުތައް ކުޅޭ ތަންތަނަށް ގެނައި ބަދަލުތަކުގެ ސަބަބުން ތިން ޓީމަކަށް އަމިއްލަ ދަނޑުގައި މެޗު ކުޅުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ. އެއީ، ޕަންޖާބް ކިންގްސް، ޗެންނާއީ ސުޕަރ ކިންގްސް އަދި ސަންރައިޒާސް ހައިދަރުއާބާދު އެވެ.

މުބާރާތުގެ ޕްލޭއޮފް މެޗުތައް ކުޅޭނެ ތަންތަން މިހާތަނަށް އިޢުލާންކޮށްފައިނުވި ނަމަވެސް، އެ މެޗުތައް ކުޅޭނެ ތާރީޚުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މެއި މަހުގެ 29 ގައި ކޮލިފަޔަރ 1 ކުޅޭއިރު، އެލިމިނޭޓަރ ކުޅޭނީ އެއް ދުވަސްފަހުން، މެއި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި، ކޮލިފަޔަރ 2 ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ.

މެދުކެނޑުމަކަށްފަހު އައިޕީއެލް އަލުން ފަށާއިރު ޕްލޭއޮފް މެޗުތަކާއެކު، މުޅިއެކު 17 މެޗު ކުޅެން ހަމަޖެހިފައިވެއެވެ. މީގެތެރޭގައި، މި މަހުގެ 8 ވަނަ ދުވަހު ކުޅުން ކުރިއަށްނުގެންދެވިގެން މެދުކަނޑާލި ޕަންޖާބްއާއި ދިއްލީ ބައްދަލުކުރި މެޗު އަލުން ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މެޗު ކުޅޭނީ މެއި މަހުގެ 24 ވަނަ ދުވަހު ޖައިޕޫރުގައެވެ. މީގެއިތުރުން، ލީގު ފިޔަވަހީގެ ބުރުގައި ބާކީ އޮތް 13 މެޗުގެ ތެރެއިން ދެ ދުވަހެއްގައި ދެ މެޗު ކުޅޭނެ އެވެ. މި ދެ މެޗު ވެސް ކުޅޭނީ އާދީއްތަ ދުވަހު އެވެ. 

މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 3 ގައެވެ.


ކިޔުންތެރިންގެ ހިޔާލު