ENGLISH

18 މޭ 2025

Advertisement

އިންޑިޔާއިން ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތަކެއް، ޕާކިސްތާނުން ރައްދު ދޭން ފަށައިފި

10 މޭ 2025

|

ހަސަން އާމިރު

ޕާކިސްތާނުގެ ތިން އަސްކަރީ މަރުކަޒަކަށް އިންޑިޔާއިން ރޭ ދިން ޙަމަލާތަކުގެ ރައްދުގައި ޕާކިސްތާނުން ވެސް އިންޑިޔާއަށް ޙަމަލާތައް ދޭން ފަށައި، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ވަރުގަދަ ހަނގުރާމައަކަށް ބަދަލުުވުމުގެ ތުންފަތް މައްޗަށް ހިނގައްޖެއެވެ.

އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ އެ ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.

މިދިޔަ ބުދަ ދުވަހު ދިން ވައިގެ ޙަމަލާތަކުގައި ހަނގުރާމަވެރިން ތިބި ނުވަ ކޭމްޕަކަށް ޙަމަލާދީފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.

އެ ޙަމަލާ އާއި އޭގެ ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި މިހާތަނަށް ދެ ފަރާތުން 50 އަށް ވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުން ބުނީ ރޭގެ ވަގުތެއްގައި އިންޑިޔާއިން ޕާކިސްތާނުގެ ތިން އަސްކަރީ މަރުކަޒަކަށް ވައިގެ ޙަމަލާތައް ދީފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް ޙަމަލާތައް ދިފާޢީ ނިޒާމު މެދުވެރިކޮށް ހުއްޓުވިފައިވާ ނުވާކަމަށް ބުންޏަސް، އެ ޙަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރޭގެ ޙަމަލާގެ ރައްދުގައި ޕާކިސްތާނުން ވަނީ، އިންޑިޔާގެ ހުޅަނގު ބޯޑަރުގެ ބައެއް ސަރަޙައްދުތަކަށް ފަތިހުން ފެށިގެން ޙަމަލާތައް ދޭން ފަށައިފައެވެ.

މިގޮތުން، ހުޅަނގު ބޯޑަރުގެ ވައިގެ ސަރަޙައްދުން ޕާކިސްތާނުގެ ޑްރޯންތައް އުދުހެމުންދާ ކަމަށް އިންޑިޔާގެ އަސްކަރިއްޔާއިން ބުންޏެވެ.

އަދި އިންޑިޔާގެ ކަޝްމީރުގެ ވެރިރަށް ސްރީނަގަރުގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ކުރިމަތިލުންތަކުގައި ދެ ޤައުމުން ވެސް އަސްކަރީ ޑްރޯންތައް ބޭނުންކުރަމުންދާއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް އިންޑިޔާގެ 77 ޑްރޯން ޕާކިސްތާނުގެ ވައިގެ ސަރަޙައްދުން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ވައިގެ ޙަމަލާތަކުގެ ނުރައްކަލަށް އިންޑިޔާގެ އުތުރުގެ ގިނަ އެއަރޕޯޓުތައް ބަންދުކޮށްފައިވާއިރު، ޕާކިސްތާނުން ވެސް ވަނީ ވައިގެ ސަރަޙައްދު އާންމު ވައިގެ ދަތުރުފަތުރަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދޭން، ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ އާއި ޕާކިސްތާނަށް ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު