ENGLISH
28 އޭޕްރީލު 2025
އިންޑިޔާގެ މިއޮޓް ހޮސްޕިޓަލުން ރީހެބް ސެންޓަރެއް މާލޭގައި ހުޅުވަނީ
28 އޭޕްރީލު 2025
|
އިންޑިޔާގެ މިއޮޓް އިންޓަނެޝަނަލް ހޮސްޕިޓަލު: ރިހެބް ކްލިނިކް ހުޅުވަނީ ގ. މޫނިމާގޭގައި-- ފޮޓޯ/މިއޮޓް
އިންޑިއާގެ މިއޮޓް އިންޓަނޭޝަނަލް ހޮސްޕިޓަލުން ރީހެބިލިޓޭޝަން ފަރުވާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ޚިދުމަތް ދެވޭގޮތަށް ރިހެބް ސެންޓަރެއް މާލޭގައި ހުޅުވަން ނިންމަފިއެވެ.
މިއޮޓް ހޮސްޕިޓަލުން ބުނި ގޮތުގައި ތަފާތު ބަލިތަކުން އަރައިގަތުމަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ރީހެބިލިޓޭޝަން ފަރުވާ ދެވޭ ގޮތަށް އަންނަ ބުދަ ދުވަހު ހުޅުވާ މި ސެންޓަރަކީ ރާއްޖޭގައި ހުޅުވާ މިފަދަ ފުރަތަމަ ރީހެބް ސެންޓަރަށް ވާނެ އެވެ. މިއޮޓް ރީހެބް ސެންޓަރު ހަދާފައި ވަނީ ގ. މޫނިމާގޭގައެވެ.
ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓާރު ޑރ. ޕްރިތީވް މެހެންދަސް ވިދާޅުވި ގޮތުގައި ފާއިތުވި 10 އަހަރަށް ބަލާއިރު މިއޮޓް ހޮސްޕިޓަލަށް ދިވެހިންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. ރިހެބް ސެންޓަރެއް މާލޭގައި ހުޅުވުމުގެ ބޭނުމަކީ، ޗެންނާއީގައި ހުންނަ މިއޮޓް ހޮސްޕިޓަލުން ރިހެބިލިޓޭޝަން ފަރުވާ ހޯދަންދާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ބޭނުންވާ ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ޕްރިތީވް ވިދާޅުވި އެވެ.
އިންޑިޔާގެ މިއޮޓް އިންޓަނެޝަނަލް ހޮސްޕިޓަލުގެ ގޯތިތެރެ: މާލޭގައި ހުޅުވާ ރިހެބް ސެންޓަރުގައި ތަފާތު ފަރުވާތައް ދޭނެ--ފޮޓޯ/ މިއޮޓް
ޕްރިތީވް ވިދާޅުވި ގޮތުގައި ރިހެބް ސެންޓަރުން ނިއުރޯ، ކާޑިއޯޕަލްމިނަރީ، އޮތޮޕެޑިކް، ޓްރޯމާ، އަދި ކެންސަރު ފަދަ ބަލިތަކަށް ރީހެބިލިޓޭޝަން ފަރުވާ ހޯދޭނެއެވެ. ފަރުވާ ކުރިއަށް ގެންދާނީ ތަފާތު ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރިތީވް އިތުރަށް ވިދާޅުވި ގޮތުގައި މިއޮޓް ހޮސްޕިޓަލުން ތެލެމެޑިސިން ޚިދުމަތް ވެސް ހޯރުކޮށްދޭނެ އެވެ. މިއޮޓް ނެކްސްޓް- ޖެން ތެލެމެޑިސިން ޚިދުމަތުގެ ސަބަބުން މިއޮޓް ހޮސްޕިޓަލުގެ ސުޕަރ ސްޕެޝަލިސްޓުންގެ ލަފާ ވަގުތުން ހޯދޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރު ދުވަހު މިއޮޓް ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާ އާ ގާތް ގުޅުމެއް ބާއްވާފައިވެއެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުން މާލޭގެ ކްލިނިކްތަކުގައި ތަފާތު ފަހަރު މަތިން ޚިދުމަތް ދީފައިވެއެވެ.
މިއޮޓް ހޮސްޕިޓަލުގެ ޚިދުމަތް 12 ފެބްއަރީ 1999 ގައި މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕެޑިކް އެންޑް ޓްރޮމަޓޮލޮޖީ (އެމް.އައި.އޯ.ޓީ) ގެ ނަމުގައި ފެށީ ފުލްޓައިމް ޑޮކްޓަރުންނާއެކު 70 އެނދުގެ ހޮސްޕިޓަލެއްގައެވެ.