ENGLISH
20 އޭޕްރީލު 2025
މެޑިކަލް ފަތުރުވެރިކަމަށް ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށް ޞިއްޙީ ވަޒީރު ވިދާޅުވެއްޖެ
19 އޭޕްރީލު 2025
|
ވަޒީރު ނާޡިމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަނީ.. ފޮޓޯ: ޕީއެސްއެމް ނިއުސް.
ދިވެހިރާއްޖޭގައި މެޑިކަލް ފަތުރުވެރިކަމަށް ޚާއްޞަ ހޮސްޕިޓަލްތައް ޤާއިމުކުރުމަށް ޕްރޮޕޯސަލް ލިބެމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލަގްޒަރީ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމަކަށްވުމާއެކު، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މެޑިކަލް ފަތުރުވެރިކަން ހިމެނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ވަޒީރު ނާޡިމް ވިދާޅުވީ، ރާއްޖެއަށް އަށް ޒިޔާރަތްކުރާ ބައެއް ބޭރުގެ އިންވެސްޓަރުން، ރާއްޖޭގައި މެޑިކަލް ފަތުރުވެރިކަމަށް ޚާއްޞަ ހޮސްޕިޓަލްތައް ޤާއިމުކުރުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. މިގޮތުން ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ރިސޯޓެއްގައި ހޮސްޕިޓަލަކާއި، ފަރުވާދެވޭނެ ޚިދުމަތްތަކާއި، އަދި މީހުން ތަމްރީނުކުރެވޭނެ ކޮލެޖަކާއެކު ތަރައްޤީކުރުމަށްވެސް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަމުންދާކަމަށާއި އެހެންކަމުން އުޞޫލުތަކުގެ ތެރެއިން އިޤްތިޞާދީ ކައުންސިލަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ނަޒަރުގައި އެއީ ވަރަށް ފައިދާހުރި ކަމެއް. އަޅުގަނޑުމެން މިހާރުވެސް މިދަނީ އެކަން އިތުރަށް ދިރާސާކުރަމުން. އެކަން އެގޮތަށް ޙާޞިލުކުރެވިއްޖެނަމަ، އެއީ ވަރަށް ކާމިޔާބު ކަމަކަށް ވާނެ " - ވަޒީރު ނާޡިމް
ވަޒީރު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން ތަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މެޑިކަލް ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ދާއިރާއެއްގައި ކުރިއަރާތަން ދެކެން ބޭނުންވާ ކަމަށެވެ.
އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން، މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން އިސްނަގައިގެންވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.