ENGLISH
20 އޭޕްރީލު 2025
ހުޅުމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ފުޅާކޮށް އިތުރު ވަސީލަތްތައް ގާއިމްކުރަނީ
19 އޭޕްރީލު 2025
|
ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދެމުންގެންދާ ޑަޔަލިސިސްގެ ހިދުމަތް ފުޅާކޮށް އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ފުރުމާ ގުޅިގެން ރޭ އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ މުވައްޒަފުންގެ އަގުހުރި ހިދުމަތް ބަލައިގަތުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވައިފައެވެ. އެ ހަފްލާއި ވަޒީރު ޢަބްދުﷲ ނާޒިމްގެ އިތުރުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ މާޒީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ނަމަވެސް، އެންމެ މުހިއްމީ ހިދުމަތްތައް ފުޅާކުރުން ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާނުކޮށް މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ހައްލު ނުލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގެ ކުރިއެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އެ ހޮސްޕިޓަލުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލް ވަޒީރު ޢަބްދުﷲ ނާޒިމް ހާމަކުރެއްވިއެވެ.
"އިމަޖެންސީ ރޫމް އިތުރަށް ފުޅާކުރުމާ ޑަޔަލިސިސްގެ ހިދުމަތް ފުޅާކުރުމަކީ މިހާރު ކުރެވެމުންދާ މަސައްކަތެއް. އަދި ހަމަ އެއާއެކު ކުރިއަށް ރޭވިފައި ހުރި ބައެއް މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ވޯޑްގެ އެކްސްޕޭންޝަން، ހާއްސަކޮށް މެޑިކަލް އަދި ޕީޑިއެޓްރިކް ވާޑް ފުޅާކުރުން ހިމެނޭ. މެންޓަލް ހެލްތު ސެންޓަރގެ އޯޕީޑީއާއި އިމްޕޭޝަން ހިދުމަތް ފުޅާކޮށް އައުޓް ޕޭޝަންޓްގެ އެކި ދާއިރާގައި އޯޕީޑީ ރޫމްސް އިތުރުކުރުން އަދި އިމްޕޭޝަންޓް ހިދުމަތުގެ ދާއިރާ ފުޅާކުރުން ހިމެނޭ" ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގެ އިތުރުން ސެންޓްރަލް މެޑިކަލް މެނިފޯސިސްޓަމް ގާއިމްކުރުމާއި އަންހެނުން ވޯޑް ފުޅާކުރުމުގެ އިތުރުން ޑެލިވަރީ ސުއިޓްސް ގާއިމްކުރުން ހިމެނެއެވެ.
ވަޒީރު ވަނީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުން އެފަދަ ހަފްލާއެއް ބޭއްވެވީތީ ޝުކުރުއަދާކުރައްވާފައެވެ. އަދި، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޑިޕާޓްމަންޓުތަކުގެ ގުޅުން ހަރުދަނާކޮށް އިހްތިރާމް އަދާކޮށް އެއްބާރުލުން ދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.