ENGLISH

19 އޭޕްރީލު 2025

Advertisement

މި ދުވަސްވަރު އެންމެންވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވާ: އެމްޑީ ފަހުމީ

19 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ

މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރެއްކަމުން އެންމެންވެސް ކަރަންޓް ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ.

ފަހުމީ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރައްވާ، ފަހުމީ ވަނީ އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އެދިވަޑައިގެންފައެވެ.

މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާކަމަށާއި އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންވެސް، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވާ ފަހުމީ ވަނީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު