ENGLISH

19 އޭޕްރީލު 2025

Advertisement

މިޔަރެއް ދިން މަރުގެ ހަމަލާއަކުން ފުން ޒަޚަމްތަކެއް ލިބުނު ކުޅުދުއްފުށީ މީހަކު ސަލާމަތް ވެއްޖެ

19 އޭޕްރީލު 2025

|

އަހުމަދު ސައީދު

ހދ. ކުޅުދުއްފުށީ ބޭރުމަތީގައި މަސްހިފަން އުޅުނު މީހާއަށް މިރަޔުގެ ދިން ހަމަލާގައި ލިބިފައިވާ ޒަޚަމް-- ފޮޓޯ/އެމްއެމްޓީވީ

ރަށުގެ ބޭރު މައްޗަށް މަސް ފިހަން ފައިބާ އުޅުނު ހދ. ކުޅުދުއްފުށީ މީހަކަށް މިޔަރެއް ދިން މަރުގެ ހަމަލާއަކުން ފުން ޒަޚަމްތަކަކާއެކު ހަނި ގޮތަކަށް ފުރާނަ ސަލާމަތް ވެއްޖެއެެވެ.

ކުޅުދުއްފުށީގެ އިރު ދެކުނު ފަރާތު ބޭރު މައްޗަށް ޑިންޑީގައި އާންމުކޮށް މަސްހިފަން ގޮސް އުޅޭ ގްރޫޕުން މިއަދު ހެނދުނު މޫދަށް ފޭބީ އެ ސަރަހައްދަކީ މިޔަރު އުޅޭ ސަރަހައްދެއްކަން ވެސް އެނގި ތިބެއެވެ. 

މީގެ ކުރިން މިޔަރުގެ ނުރައްކަލެއް ކުރިމަތިވެފައި ނުވި ނަމަވެސް، މަސް ހިފަން ފައިބާ ތިބި ގުރޫޕުގެ އެކަކަށް ހަމަލާ ދިނީ އަޑިން ކުއްލިއަކަށް އެރި ވަރަށް ބޮޑު "ބްލެކް ޓިޕް" ފަރު މިޔަރެއް ކަމަށްވެއެވެ. މި ހަމަލާގައި ޒަޚަމްވީ ކުޅުދުއްފުށީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި ވަޒީފާ އަދާކުރަމުން ގެންދާ އެރަށު ކަލީ، ހާމިދު އަބްދުލް ވައްހާބު، 30 އަހަރު އެވެ.

"އެއީ މިއަދު ފެނުނު ފުރަތަމަ މިޔަރު، އެރިގޮތަށް އަރާ ހިފީ ގައިގައި (ކޮނޑުމަތީގައި)، މިޔަރުން ކޮންމެވެސް ގޮތަކުން ނެއްޓެން ދިމާވި ކަމުން ސަލާމްތަވީ،" އޭނާ އާއެކު މޫދަށް އެރުނު މީހަކު، އެކަން ހިނގި ގޮތް އެމްއެމްޓީވީ އާ ހިއްސާކުރަމުން ބުންޏެވެ. 

ޒަޚަމްވި ހާމިދު ކައިރީގައި ހޮސްޕިޓަލުގައި ހުރެ އޭނާގެ އެކުވެރިޔާ ބުނީ މިޔަރުގެ ހަމަލާ އަމާޒުވީ ހާމިދުގެ ކަނާތުގެ  ކޮނޑާއި ބުރަކައްޓަށް ކަމަށެވެ. މިޔަރު ދަތްއަޅާ، އަތާއި ބުރަކަށީގެ މަސްތައް ވީދައި، ލުހެލުމުގެ އިތުރަށް، އޭނާގެ ކޮނޑު ހުޅު ވެސް ނެއްޓިފައިވެއެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 7:00 ހާއިރު އެވެ. 

ހާމިދަށް ވަގުތުން ފަރުވާ ދިނުމަށް ގެންދިޔައީ ކުޅުއްފުށީ ރީޖަނަލް ހޮސްޕޮޓަލަށެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހާމިދަށް ލިބިފައިވާ ޒަޚަމުން ލޭމަނާކޮށް، ކޮނޑުހުޅަށް އެރުވުމަށްފަހު، އިތުރު ފަރުވާއަށް މާލެ ފޮނުވަން ވަނީ ނިންމައިފައެވެ. އިތުރު ފަރުވާ އަށް މާލެ ފޮނުވަނީ، ޕްލާސްޓިކް ސާޖަރީ ވެސް ހަދަން ޖެހޭތީ އެވެ.

ކުޅުއްފުށީ ބޭރުގައި މަސް ހިފަން އުޅުނު މީހާއަށް ހަމަލާ ދިން ކަމަށް ލަފާކުރެވޭ ވައްތަރުގެ "ބްލެކް ޓިޕް" މިޔަރެއް-- ފޮޓޯ/ ރެޑްސީޝާކް

ބްލެކް ޓިޕް މިޔަރެއްގެ ހަމަލާދީގެން މީހަކު މަރުވެފައިވާކަމަށް ރިކޯޑުކޮށްފައެއް ނުވެއެވެ. އަދި މޫދަށް އެރޭ މީހުންނަށް އޭގެ މިޔަރު އާންމުކޮށް ގާތްްނުވިއަސް، ފީނައި، ފަތަން އުޅޭ މީހުންނަށް މަދުން ނަމަވެސް ހަމަލަދެއެވެ. އޭގެ މިޔަރެއް އެންމެ ބޮޑުވަނީ ހަތް ފޫޓަށެވެ. 

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުން މީގެ 15 ފަނަރަ ވަރަކަށް އަހަރު ކުރިން މަނާކުރި ފަހުން، ވަރަށް ބޮޑަށް މިޔަރުގެ އާބާދީ އިތުރުވެފައިވާކަން މަސްވެރިކަންކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ކުޅުދުއްފުއްޓަކީ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ލޭނު އަޅައިގެން މިޔަރު ހިފާ، މިޔަރު އުރަހަ ބޭރުކުރި ރަށެކެވެ.

ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައިސް މިޔަރު ބަލަން ފީނަނިކޮށް، 30 އަހަރުގެ އަންހެނެއްގެ އަތަށް މިޔަރެއް ހަމަލާދިންކަމުގެ ޚަބަރުތައް ބޭރުގެ ނޫސްތަކުގައި މިއަދު ޖަހާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު