ENGLISH

19 އޭޕްރީލު 2025

Advertisement

އެސްއޯއީތަކުގެ ހިންގުމަށް ގެންނެވި ހެޔޮ ބަދަލާއެކު ޑިވިޑެންޑު %271 މައްޗަށް

19 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުމަށް ސަރުކާރުން ގެންނަވަން ފަށާފައިވާ ހެޔޮ ބަދަލުތަކާއެކު މި އަހަރު ޑިވިޑެންޑުގެ ގޮތުގައި ކުންފުނިތަކުން ދައުލަތަށް ލިބުނު އާމްދަނީ 271 އިންސައްތައިން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. 

ސަރުކާރު ބަދަލުވިއިރު ދައުލަތުގެ ކުންފުނިތަކުގެ ދަރަނި އިންތިހާއަށް އިތުރުވެ، ކުންފުނިތަކުގެ އިސްރާފު ބޮޑުވުމުގެ ސަބަބުން ކުންފުނިތަކުން ފައިދާގެ ގޮތުގައި ދައުލަތަށް ލިބެމުން އައި އާމްދަނީ ދިޔައީ އަހަރުން އަހަރަށް ދަށްވަމުންނެވެ. 

ސަރުކާރު ބަދަލުވުމަށްފަހު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތުގެ ކުންފުނިތައް ހިންގުމުގައި ސަރުކާރުގެ އެހީއަށް ބަރޯސާވާ މިންވަރު މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ކުންފުނިތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއެކު ދައުލަތުގެ ކުންފުނިތަކުގެ އިސްރާފު ކުޑަކުރެވިފައިވެއެވެ. 

ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި އޭޕްރީލު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 223.7 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބިފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 60 މިލިއަން ރުފިޔާއެވެ. 

އޭގެ ކުރީ އަހަރުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ޑިވިޑެންޑުގެ ގޮތުގައި ލިބުނީ 197.6 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 65.9 މިލިއަން ރުފިޔާއެވެ. 

މި ހިސާބުތަކަށް ބަލާއިރު މި އަހަރު ދައުލަތުގެ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބުނު އާމްދަނީއަކީ ފާއިތުވި ތިން އަހަރު ޑިވިޑެންޑުގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އާމްދަނީއެކެވެ. 

ދައުލަތުގެ ކުންފުނިތަކުން ލިބޭ ޑިވިޑެންޑު ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކުގެ ހަރަދު ބޮޑުވާނެހެން މުވައްޒަފުން އިތުރުކުރުމާއި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އިސްރާފުކުރުން ފަދަ ކަންކަން އާއްމުވުމެވެ. ސަރުކާރު ބަދަލުވުމާއެކު ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން ދެކޮޅުޖެހޭ ވިޔަފާރިތަކަކަށް އެ ކުންފުނިތައް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ. 

ރައީސްގެ މަސައްކަތްޕުޅުގެ ތެރެއިން ކުންފުނިތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުންފުނިތަކުގެ އޮޑިޓު ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާކޮށް ބޯޑުގައި އޮޑިޓު ތަމްސީލުކުރައްވާ މެންބަރުން އައްޔަންކުރުމުގެ އުސޫލުތައް ޒަމާނާ އެއްގޮތަށް ހަރުދަނާކުރުމަށް ޕީސީބީން ފިޔަވަޅުތަކެއް އަޅާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު