ENGLISH

09 މޭ 2025

Advertisement

މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރއަކަށް "އޭޓީއެމް"

19 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިޢުރީ އެމްއެމްޓީވީއަށް އިންޓަވިއު ދެއްވަނީ

މި އަހަރު ދިވެހި ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވާ ޓޫރިޒަމް ފެއަރއަކަށް، މުޅި ދުނިޔޭގައި ވެސް ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއަރ ކަމަަށްވާ "އަރަބިއަން ޓްރެވަލް މާކެޓް" (އޭޓީއެމް) ހަމަޖައްސައިފިއެވެ.

ދުބާއީގެ ވޯރލްޑް ޓްރޭޑް ސެންޓަރުގައި 28 އޭޕްރިލް 2025 އިން 1 މެއި 2025 އަށް ކުރިޔަށްގެންދާ، 32 ވަނަ އޭޓީއެމް ފެއަރއަކީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރއެވެ.

އެމްއެމްޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވީ، އޭޓީއެމް ފެއަރ އަކީ މި އަހަރު ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި ތައްޔާރުވެގެން ބައިވެރިވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރ ކަމަށެވެ. އެގޮތުން މި ފެއަރގައި 111 ދިވެހި ސްޓޯލެއްގައި، 260 އަށްވުރެ ގިނަ ދިވެހިން ބައިވެރިވާނެ ކަމަށް ޝިޢުރީ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ބޭއްވި އޭޓީއެމް ފެއަރ އެެއްގައި ރާއްޖޭގެ ސްޓޯލްތައް ހުރި ސަރަހައްދު. --ފޮޓޯ:އެމްއެމްޕީއާރުސީ

"މީގެ ކުރިން ރާއްޖެެއިން ކޮންމެ އަހަރަކު އެންމެ އިސްކަމެއްދީގެން ބައިވެރިވާ ފަތުރުވެރިކަމުގެ ފެއަރއަކީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރ. ނަމަވެސް މި އަހަރުން ފެށިގެން ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ފެއަރއަކަށް އޭޓީއެމް ފެއާރ ކަނޑައެޅީ. ރާއްޖޭގެ ފަތުރިވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަކަށް ފަހު" ޝިޢުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ މަޝްވަރާތަކުން އެނގިގެން ދިޔައީ އޭޓީއެމް ފެއަރއިން ރާއްޖެއަށް ލިބޭ ފުރުސަތުތައް ގިނަކަމެވެ. ސަބަބީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރއަށް ދާއިރު ވިސާގެ ކަންކަމާއެކު ގިނަ ދަތިތަކެއް ކުރިމަތިވާތީ ވަރަށްގިނަ ފަހަރު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތް މެދުވެރިވާތީކަމަށް ޝިއުރީ ވިދާޅުވިއެވެ. ނަމަވެސް ދުބާއީގައި ބާއްވާ އޭޓީއެމް ފެއަރގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެފައިވާގޮތުން ރާއްޖެ ހިމެނޭހެން އެހެން ގަައުމުތަކުން ވެސް އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.

ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމުން ބައިވެރިވާ އަރަބިއަން ޓްރެވަލް މާކެޓްގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތައް ވެސް ހިމެނޭހެން ޖުމްލަ ގޮތެއްގައި މުޅި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ޝިޢުރީ ވިދާޅުވިއެވެ.

މިފަހަރުގެ އޭޓީއެމް ފެއަރގައި މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރަށް ބައިވެރިވާއިރު، ރިޕޯޓުތަކުން ބުނާގޮތުން މިފަހަރުގެ ފެއަރއަށް ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރާނެއެވެ. ބައިނަލްއަގުވާމީ ތަފާތު 41 މީޑިޔާއަކުން މި ފެއަރގެ ޚަބަރުތައް ރަސްމީކޮށް ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު