ENGLISH
18 އޭޕްރީލު 2025
ވޯރިއާސް އަތުން ލޭކާސް މޮޅުވިއިރު ލެބްރޮން ޖޭމްސް އަށް ރެކޯޑެއް
07 ފެބްރުއަރީ 2025
|
ލޭކާސްއާ ވޯރިއާސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ގޯލްޑެން ސްޓޭޓް ވޯރިއާސް އަތުން 120-112 އިން ލޮސް އެންޖެލިސް ލޭކާސް މޮޅުވެއްޖެއެވެ.
މިއީ ލީގުގައި ލޭކާސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ ފަހަރެވެ. އެ ޓީމު ބަލިވީ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އަތުންނެވެ.
ލޮސް އެންޖެލިސްގައި ހުންނަ ކްރިޕްޓޯ ޑޮޓްކޮމް އެރީނާގައި ކުޅުނު މި މެޗުގެ ފަހު ދެ ކުއާޓަރ ފިޔަވައި އެހެން ހުރިހާ ކުއާޓަރއެއްގައި ލޭކާސް ވަނީ ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރގައި ލޭކަސް 34-21 އިން ކުރިހޯދިއިރު، ދެވަނަ ކުއާޓަރގައި އެ ޓީމު ވަނީ 35-28 އިން ކުރިހޯދާފައެވެ.
ވޯރިއާސް އިން 30-21 ގެ ތަފާތަކުން ތިންވަނަ ކުއާޓަރގައި ކުރިހޯދިއިރު، ފަހު ކުއާޓަރގައި އެ ޓީމު ތިން ޕޮއިންޓްގެ ލީޑަކާއެކު 33-30 އިން ކުރިހޯދި ނަމަވެސް، ލޭކާސް މެޗު ކާމިޔާބުކުރީ 8 ޕޮއިންޓްގެ ފަރަގަކުންނެވެ.
ލޭކާސް އަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް، އުމުރުން 40 އަހަރުގެެ ލެބްރޮން ޖޭމްސް ވަނީ އެންބީއޭގެ ތާރީޚުގެ ތެރެއަށް ޖެހިލައިފައެވެ. ޖޭމްސް ވަނީ 42 ޕޮއިންޓާއެކު 17 ރީބައުންޑް ނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. މިއާއެކު، ޖޭމްސް ވަނީ މުބާރާތުގެ ތާރީޚުގައި މެޗެއްގައި 40 ޕޮއިންޓަށްވުރެ އިތުރަށް ސްކޯކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު ޤާއިމުކޮށްފައެވެ. ކުރިން މި ރެކޯޑް އޮތީ ބާސްކެޓްބޯޅަ ލެޖެންޑް، މައިކަލް ޖޯޑަން އަތުގައެވެ.
މި މެޗުގައި ވޯރިއާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ސްޓެފަން ކަރީ އެވެ. ކަރީ ވަނީ 37 ޕޮއިންޓާއެކު ހަތް ރީބައުންޑް ނަގައިފައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ޑަލާސް މޭވްރިކްސް ވަނީ 127-120 އިން ބޮސްޓަން ސެލްޓިކްސް ބަލިކޮށްފައެވެ. އޯލާންޑޯ މެޖިކް އަތުން 112-90 އިން ޑެންވާ ނަގެޓްސް މޮޅުވިއިރު، އިންޑިއާނާ ޕޭސާސް އަތުން ލޮސް އެންޖެލިސް ކްލިޕަރސް ބަލިވީ 119-112 އިންނެވެ.