ENGLISH
18 އޭޕްރީލު 2025
އެޓަލާންޓާ ބަލިކޮށް އިންޓަރ، ސުޕަ ކަޕް ފައިނަލަށް
03 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރގެ ޑަމްފްރީސް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އެޓަލާންޓާ 2-0 އިން ބަލިކޮށް، އިންޓަރ މިލާނުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ އިންޓަރ އިން ޖެހިޖެހިގެން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މިދިޔަ ތިން އަހަރުގެ ޗެމްޕިއަނުންނަކީ ވެސް އިންޓަރ އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމަށް މި ދެ ލަނޑު ވެސް ޖަހައިދިނީ ޑެންޒެލް ޑަމްފްރީސް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އިންޓަރ އިން ލީޑު ނެގީ ނެދަލެންޑްސްގެ ޑިފެންޑަރު، ޑަމްފްރީސް ވައްދާލި ހިތްގައިމު ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ އޯވަހެޑް ކިކަކުންނެވެ.
މެޗުގެ 61 ވަނަ މިނެޓުގައި އިންޓަރގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސް ޑަމްފްރީސް އެވެ. އެ ޓީމުގެ އިޓަލީ ޑިފެންޑަރު، ފެޑެރީކޯ ޑިމާކޯ ދިން ޕާހެއް ޑަމްފްރީސް އަށް ލިބުމުން އެއްފަހަރުން ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ހުރަސް ދަނޑީގަ ޖެހިފައެވެ.
މި މުބާރާތުގެ ފައިނަލްގައި އިންޓަރ ކުޅޭނީ ޔުވެންޓަސް އާއި އޭސީ މިލާން ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 7 ވާ އަންގާރަ ދުވަހު އެވެ.