ENGLISH
18 އޭޕްރީލު 2025
ޤައުމީ ވޮލީ ލީގުގެ ތިންވަނަ މަގާމު ސިޓީ އަށް
02 ޖެނުއަރީ 2025
|
ސިޓީ އާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް
ޕޮލިސް ކުލަބު ބަލިކޮށް ސްޕޯޓްސް ކުލަބު ސިޓީން ޤައުމީ ވޮލީ ލީގުގެ ތިންވަނަ މަގާމު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ސިޓީ ވަނީ 3-2 ސެޓުން ޕޮލިސް ކުލަބު ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ސިޓީ ކާމިޔާބުކުރިއިރު، ދެން ޖެހިގެންއައި ދެވަނަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-16 އިންނެވެ.
އެއަށްފަހު، ދެން ކުޅުނު ތިންވަނަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ސިޓީން ކާމިޔާބުކުރީ 27-25 އިންނެވެ. އޭގެފަހުން، ދެން ކުޅުނު މެޗުގެ ހަތަރުވަނަ ސެޓުން 25-22 އިން ކުރިހޯދައި، ޕޮލިހުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ނަތީޖާ ނެރުމަށް ދެން ކުޅުނު ފަސްވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއް ނެތި ސިޓީން ވަނީ 15-9 އިން ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ފަސް ޓީމު ވާދަކުރި ލީގު ފިޔަވަހީގެ ބުރު ނިންމާލިއިރު ސިޓީން ވަނީ ތިންވަނަ ހޯދާފައެވެ. ހަތަރުވަނަ އަށް ބްލޫސް ފޯރ ވޮލީބޯލް ހޮވުނުއިރު، މުބާރާތުގައި ކުޅުނު ހަތަރު މެޗުން ބަލިވެ، ޕޮލިހަށް ލިބުނީ ފަސްވަނަ އެވެ. މިއާއެކު، އެ ޓީމަށް ކުރިއަށް އޮތް ޤައުމީ މުބާރާތުން ފުރުޞަތެއް ނުލިބުނެވެ. ޤައުމީ މުބާރާތުން ފުރުޞަތު ލިބެނީ ވޮލީ ލީގުގެ އެންމެ ކުރިހޯދާ ހަތަރު ޓީމަށެވެ.