ENGLISH

21 އޭޕްރީލު 2025

Advertisement

މި ސަރުކާރުން ކުރަން މިޖެހެނީ އިދިކޮޅުން ކުރަންޖެހޭ މަސައްކަތް: އައިފާން

30 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން

އިދިކޮޅުން ކުރަންޖެހޭ މަސައްކަތް ވެސް ކުރަން މިޖެހެނީ މި ސަރުކާރުގެ ތެރެއިންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިފާން ވިދާޅުވީ ރާއްޖޭގައި މިހާރު އިދިކޮޅު ފަރާތްތަކެއް ނުވަތަ ޕާޓީތަކެއް އޮތް ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި ޒިންމާދާރުގޮތެއްގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށެވެ. އަދި ޒިންމާދާރުގޮތެއްގައި ސަރުކާރު ޖަވާބުދާރީކުރުވުމަކީ ޤައުމުގެ ހަމަޖެހުން ނަގައިލައި ރައްޔިތުންނަށް ފައިދާއަށް ކުރާ މަސައްކަތްތައް ހުއްޓުވުން ނޫން ކަމަށް ވެސް އައިފާން ވިދާޅުވިއެވެ.

"އާދެ! އަޅުގަނޑު އަސްލު ހަޤީޤަތުގައި ޤަބޫލެއްނުކުރަން ރާއްޖޭގައި މިއަދު އިދިކޮޅު ފަރާތްތަކެއް ނޫނީ އިދިކޮޅު ޕާޓީއެއް އޮތް ކަމަކަށް. ޒިންމާދާރު ކަމާއެކީގައި މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން ސަރުކާރެއް ޖަވާބުދާރީކުރުވަން ޖެހޭ ގޮތަކަށް އެއްވެސް ކަމެއް ކުރާ މަންޒަރެއް އަޅުގަނޑުމެންނަކަށް ހަޤީޤަތުގައި މިއަދު ތިބި އިދިކޮޅު ފަރާތްތައް ގޮތުގައި ވާހަކަ ދައްކާ ނުވަތަ ވަކާލާތުކުރާ ފަރާތްތަކުން އެކަހަލަ އެއްވެސް ކަމެއް ކުރާތަނެއް މިއަދު އަޅުގަނޑުމެންނަކަށް ނުފެނޭ ހަޤީޤަތުގައި. ޒިންމާދާރު ކަމާއެކީގައި އޮޕޮޒިޝަންއެއްގެ ގޮތުގައި ހަރަކާތްތެރި ވުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤައުމުގެ މަޞްލަޙަތު ނަގާލުމެއް ނޫން. ނޫނީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ކުރަން ފެށީމާ އެކަންތައްތައް އޮޅުވާލުމެއް ނޫން. " - މެމްބަރު އައިފާން

މި ސަރުކާރުގެ ސުޕާރ މެޖޯރިޓީ މަޖިލީހުން އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް އެބަ ކުރަމުންދާ ކަމަށް ވެސް މެމްބަރު އައިފާން ވިދާޅުވިއެވެ. އޭނާ ވަނީ އެމްޑީޕީއާއި އަދި މި ނޫންވެސް ޕާޓީތަކަށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަންތައް ނުކުރުމަށް ގޮވައިލައްވާފައެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ ހައްޤުގައި ކުރައްވާ މަސައްކަތްފުޅުތައް ސިޔާސީ ނުކުރުމަށް ވެސް އައިފާނު ވަނީ އެދި ވަޑައިގެންފައެވެ.  

މީގެ އިތުރުން ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގެންއިރު އޮތް އެމްޑީޕީގެ ސުޕާރ މެޖޯރިޓީ މަޖީލީހުން، މިސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ބައެއް ކަންކަން ކުރިކަން މެމްބަރު އައިފާން ފާހަގަކުރެއްވިއެވެ.

"ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ހޮވުނުތާ ކައިރީގައި، އޭރުގެ އެމްޑީޕީގެ ސުޕާރ މެޖޯރިޓީ މަޖިލީހެއް އޮތީ. މި މަޖިލިސް ބޭނުންކޮށްގެންވެސް ބެލީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކުރުމަށް. މިސާލަކަށް ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓަށް ރުހުން ނުދޭން މަސައްކަތްކުރުން. އަދި އެއްބައި ވަޒީރުންނަށް ރުހުން ނުދިނުން. އޭގެ އިތުރުން އެއްބައި ވަޒީރުންގެ ނޯ ކޮންފިޑެންސް ނެގި މަންޒަރުވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔަ. އަދި އެއަށްވުރެ ބޮޑަށް ޤާނޫނީ ވެރިކަމެއް މަޖިލިސް ތެރެއިން ނިންމާލަންވެގެން ކުރި މަސައްކަތް ވެސް ފެނިގެން ދިޔަ. މި އެއްނޫން ދެއްތޯ އެމްޑީޕީއަށް ރައްޔިތުން ސުޕާރ މެޖޯރިޓީ ދިން ސަބަބަކީ. އެކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔަ 20 ވަނަ މަޖިލީހުގައި ރައްޔިތުން ބޮޑު އަޤްލަބިއްޔަތަކުން ޕީއެންސީއަށް ޑރ. މުހައްމަދު މުޢިއްޒަށް އިތުބާރުކޮށްފައި މެޖޯރިޓީ ދިނީމަ. " - މެމްބަރު އައިފާން

އެމްޑީޕީއަކީ ބުނާ ބަހާއި ޢަމަލާއި ދިމާވާ ބައެއް ނޫންކަން ރައްޔިތުންނަށް ވެސް އެނގޭ ކަމަށް އައިފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު