ENGLISH
21 އޭޕްރީލު 2025
އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އަދިވެސް އައިސީޔޫގައި
29 ޑިސެމްބަރު 2024
|
ހުޅުމާލެ ފޭސް 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ހާމަކުރެއްވި ގޮތުގައި އެކްސިޑެންޓް ގައި އަނިޔާވި 18 އަހަރުގެ ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓާރުގައެވެ. އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވީ ޕޭޝަންޓުގެ ހާލު އަދިވެސް ސީރިޔަސް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.