ENGLISH

19 ޖުލައި 2026

Advertisement

7 ޓީމާއެކު ރާއްޖެ ސުޕަރ ލީގު އަންނަ މަހު ފަށަނީ

18 ޖުލައި 2026

|

ސުވެއިދާ ހުސެއިން

ވީއޭއެމްއިން ބޭއްވި ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން --- ފޮޓޯ: ވީއޭއެމް

ރާއްޖެ ސުޕަރ ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުން 7 ޓީމާއެކު، އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. 

މުޅި ރާއްޖޭގައި ވޮލީބޯޅައިގެ ފޯރި އިތުރުކޮށް، ވޮލީގެ ދާއިރާއިން ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި، ރަށު ކައުންސިލްތަކާއި ސިޓީތަކަށް ތައާރަފުކުރި ރާއްޖެ ސުޕަރ ލީގުގެ އަންހެން ޑިވިޝަން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ބާއްވާފައެވެ. 8 ޓީމު ވާދަކުރި އެ ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ލ. މާބައިދޫއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ފުރަތަމަ ތާވަލުކުރީ މި އަހަރުގެ މެއި މަހަށެވެ. ނަމަވެސް އޭގެ ފަހުން މި މަހުގެ ކުރީކޮޅު ބޭއްވުމަށް އަލުން ތާވަލުކުރިއެވެ. އެކަމަކު މުބާރާތް ބާއްވާ ތާރީޚު ފަސްވީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މެޗުތައް ކުޅުމަށް ބޭނުންވާތީ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ބުނެފައެވެ. 

ފިރިހެން ޑިވިޝަނުގެ ކުޅުން އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ނިންމާފައިވާއިރު، މި މުބާރާތް ކުރިއަށްދާނީ ދެ ޕޫލަކަށް ބަހާލައިގެންނެވެ. އެގޮތުން ޕޫލް އޭގައި ހިމެނެނީ ހދ. ހަނިމާދޫ، ވ. ވެލިދޫ، ކ. މާފުށި އަދި ލ. ފޮނަދޫއެވެ. ޕޫލް ބީގައި ތ. ހިނރިލަންދޫ، ކ. ތުލުސްދޫ އަދި ބ. ގޮއިދޫ ހިމެނެއެވެ.

މުބާރާތުގެ މެޗުތައް ހަވީރާއި، ރޭގަނޑު ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވެލިދޫއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު