ENGLISH

17 ޖުލައި 2026

Advertisement

މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު، ފުވައްމުލަކު ސިޓީގައި ހުޅުވައިފި

17 ޖުލައި 2026

|

އާމިނަތު ނުޒްލާ

މިޔަރުގެ ދިރާސާތައް ކުރުމަށް ފުވައްމުލަކުގައި ހަބެއް ހުޅުވުން -ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

މިޔަރުގެ ދިރާސާތައް ކުރުމަށް ރާއްޖޭގައި ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.

"ދަ މިޔަރު ޕްރޮގްރާމް" ކިޔާ އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން އުފެއްދި މި ސެންޓަރަކީ މިޔަރުގެ ދިރާސާތައް ކުރުމަށާއި، ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހުޅުވި ތަނެކެވެ.

މިޔަރުގެ ދިރާސާތައް ކުރުމަށް ފުވައްމުލަކުގައި ހަބެއް ހުޅުވުން -ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ހަބުގެ މަގުސަދަކީ ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ އިތުރުން އާންމު މުޖުތަމައާ ގުޅިގެން މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

ޖެނުއަރީ 2023 ގައި އުފެދުނު "މިޔަރު ޕްރޮގްރާމް" އަކީ ދިވެހި އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންދާ ޖަމިއްޔާއެކެވެ. މި ހަބު ހުޅުވުމަކީ އެ ޖަމިއްޔާގެ މަސައްކަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތުން ފާހަގަކުރެއެވެ.

މިޔަރުގެ ދިރާސާތައް ކުރުމަށް ފުވައްމުލަކުގައި ހަބެއް ހުޅުވުން -ފޮޓޯ:  ފުވައްމުލަކު ސިޓީ ކައުންސިލް

ރާއްޖޭގެ އެހެން ސަރަހައްދުތަކުން މަދުން ނޫނީ ނުފެންނަ މިޔަރާއި މަޑީގެ ހާއްސަ ބާވަތްތައް ފުވައްމުލަކުން ފެންނާތީ، މިއީ ފަތުރުވެރިންގެ މެދުގައި ނުހަނު މަގުބޫލު މަންޒިލެކެވެ. މިގޮތުން، ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިޔަރުތަކާއެކު ޑައިވްކުރުމަށް އެ ސިޓީއަށް ޒިޔާރަތްކުރެއެވެ.

ފުވައްމުލަކު ސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިޔަރުގެ މަންޒިލަކަށް ހެދުމަށްޓަކައި އެ ސިޓީގެ ކައުންސިލާއި ޑައިވިން ސެންޓަރުތަކުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ކާމިޔާބީގެ ރަމްޒެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު