ENGLISH

17 ޖުލައި 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރި ބައި އަންނަ ހަފްތާގައި ހުޅުވާލަނީ

17 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްްގީކޮށް ނިމިފައި - ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު ތަރައްގީ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާ އެ ސަރަހައްދު އަންނަ ހަފުތާގައި ޓްރެފިކަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރައާ ހަމައަށް އޮތް ސަރަހައްދު، މަސައްކަތް ނިމުމުން ހުޅުވާލާނެ ކަމަށެވެ. އަލަށް ތަރައްގީކުރި މި ބައިގައި 500 ސައިކަލަށް ޕާކު ކުރެވޭނެ ހާއްސަ ޕާކިން ފެސިލިޓީއެއް ހިމެނެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ފައިދާ ކުރާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ފަރާތްތަކަށް ނޫން ކަމަށާއި، މިހާރު ހުޅުވާލާފައިވާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަލާއިރު، މި ތަރައްގީގެ ސަބަބުން ވަށައިގެންވާ މަގުތަކުގެ ތޮއްޖެހުން ވެސް ކުޑަވެފައިވާ ކަމަށެވެ.

މި ފިޔަވަހި ނިމުމުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެއީ އެ މަގުގެ އެންމެ ބޮޑަށް ހަލާކުވެފައިވާ ބައެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއު ނިމުމުން މާލޭގެ މާރުކޭޓު ސަރަހައްދަށާއި ވިޔަފާރި ސަރަހައްދަށް ވަދެނިކުމެ އުޅުމަށް ފަސޭހަވެ، މުޅި މާލޭގެ ދަތުރުފަތުރަށް ލުއި ލިބިގެންދާނެ ކަމަށެވެ. އަދި މަގު ފުޅާކުރުމުގެ މަސައްކަތުގެ ސަބަބުން ފަޅުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާނެ ކަމަށާއި، ހިއްކި ސަރަހައްދު ތަރައްގީ ކުރަނީ ތިން ފަރާތުން އެއްގަމު ތޮށިލައި، އުޅަނދުފަހަރު ކައިރިކުރާނެ އިތުރު ޖާގަ ލިބޭނެ ގޮތަށް ކަމަށް ވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއަކީ މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ފުޅާކުރުމުގެ އިތުރުން، ޒަމާނީ ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޓްރެފިކް ފްލޯ ރަނގަޅު ކުރުމަށް ހިންގާ މަޝްރޫއެކެވެ. 830 މީޓަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2025 އޮގަސްޓް މަހުގައެވެ. މީގެ ތެރޭގައި 737 މީޓަރުގެ ޝީޓް ޕައިލް ކުރުން ހިމެނެއެވެ.

އިއްޒުއްދީން ފާލަމާއި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގެ ބައިތައް މިހާރު ވެސް ޓްރެފިކަށް ހުޅުވާލާފައިވާއިރު، އެންމެ ފަހުން ނިންމި ބައި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ބެލެވެނީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު