ENGLISH
17 ޖުލައި 2026
ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ހަމަހަމަ، ދެމެހެއްޓެނިވި ތަރައްޤީއަށް: ރައީސް މުއިއްޒު
17 ޖުލައި 2026
|
ރައީސް ޑރ. މުހައްމަދު މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް
އެންމެ މަޤްބޫލު
ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި، މާލެއަށް ހިޖުރަކުރަންޖެހޭ ސަބަބުތައް މަދުކުރުމާއެކު، މުޅި ރާއްޖެއަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ބިނާވެފައިވަނީ ހަމައެކަނި ވެރިރަށަށް ތަރައްޤީ ޖަމާކުރުމުގެ ބަދަލުގައި، މުޅި ރާއްޖޭގައި ހަމަހަމަ ފުރުޞަތުތަކެއް ޤާއިމުކުރުމުގެ މައްޗަށް ކަމަށެވެ.
"މާލޭގެ ތޮއްޖެހުމާއި ޓްރެފިކްގެ މައްސަލަތަކަކީ ގިނަ އަހަރުތަކެއް ވަންދެން އެއް ސަރަހައްދަކަށް ތަރައްޤީ ޖަމާކުރުމުގެ ނަތީޖާ، އެކަންކަމަކީ ހަމައެކަނި ވަގުތީ ފިޔަވަޅުތަކަކުން ހައްލުކުރެވޭނެ ކަންކަން ނޫން. އޭގެ ބަދަލުގައި، ސަރުކާރުން އިސްކަންދެނީ މައްސަލައިގެ އަސްލަށް އަމާޒުކޮށްގެން ދާއިމީ ހައްލުތަކެއް ހޯދުމަށް"، ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި "އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން" ތަކެއް ޤާއިމުކޮށް، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން އަސާސީ ޚިދުމަތްތައް ލިބޭނެ ބޮޑެތި އާބަން ސެންޓަރުތަކެއް އުފެއްދުމުގެ މަޝްރޫޢުތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސެންޓަރުތަކުގެ ސަބަބުން ލާމަރުކަޒީ ތަރައްޤީގެ މޮޑެލްއަކަށް މަގުފަހިވެ، އަމިއްލަ ރަށާ ކައިރިން މާލެއާ އެއްފެންވަރެއްގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ގިނަ ބަޔަކު މާލެއަށް ބަދަލުވަނީ ރަނގަޅު ތަޢުލީމާއި، ވަޒީފާ އަދި ބޯހިޔާވަހިކަން ހޯދުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ފުރުޞަތުތައް މުޅި ރާއްޖެއަށް ފުޅާކުރުމުން، ގިނަ ބަޔަކު އަމިއްލަ ރަށުގައި ނުވަތަ ކައިރި ސަރަހައްދުތަކުގައި ދިރިއުޅެ ވަޒީފާ އަދާކުރުމަށް ހިތްވަރު ލިބި، މާލެއަށް ބާރުބޮޑުވުން ކުޑަވެ، ސަރަހައްދީ ހަމަހަމަ ތަރައްޤީއަށް މަގުފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގްރޭޓަރ މާލެ ސަރަހައްދުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ސަރުކާރުން ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި މަލްޓި-ސްޓޯރީ ޕާކިންގ ފެސިލިޓީތައް ބިނާކުރަމުންދޭ. ނަމަވެސް، އުޅަނދުތައް ލިމިޓްކުރުން ފަދަ ފިޔަވަޅުތަކަކީ މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލެއް ނުހޯދައި ދާއިމީ ހައްލެއް ލިބޭނެ ކަންކަން ނޫން"، ރައީސް ވިދާޅުވިއެވެ.
18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ދާދިފަހުން އިފްތިތާޙުކުރި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ސްކީމް" އަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސްކީމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިކަން ލިބި، މުޅި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަވެގެންދާނެ ކަމަށެވެ.
ހަމަހަމަ، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ ސިޔާސަތުތަކުގެ ތެރެއިން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ދާއިމީ ހައްލުތަކެއް ހޯދައިދީ، ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަލުން ދެއްވިއެވެ.