ENGLISH
15 ޖުލައި 2026
1 މަސް ދުވަހުގެ ތެރޭގައި 3800 އަށްވުރެ ގިނަ މީހުން ޕޭޕަލްއާއި ގުޅިއްޖެ
15 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ތައާރަފުކުރި ފަހުން ގާތްގަނޑަކަށް 3800 އަށްވުރެ ގިނަ ފަރާތުން އެ ހިދުމަތާއި ގުޅިފައިވާ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ 3800 އަށްވުރެ ގިނަ ފަރާތުން ޕޭޕަލްއާއި ގުޅި އެތައް ޓްރާންސެކްޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
"ޕޭޕަލްވެސް ރާއްޖެއަށް މީގެކުރިން ހަމަ ނުގެނެވޭނެކަމަށް ގަބޫލުކޮށްގެން ތިބީ. މިއަދު ޕޭޕަލް އައީމަ އޭގައި އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމަކީ ކޮބާތޯ. މިއަދު އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ގާތްގަނޑަކަށް 3،800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް ޓްރާންސެކްޝަންތަކެއް ފެށިއްޖެ. އެހެންވީމާ، އެހެރަ އަންނަނީ ކުޑަ ނަމަވެސް ކުރިއެރުންތަކެއް. އިނގޭތޯ. މިގޮތަށް މިސާލަކަށް ގޫގުލްގެ އިންވެސްޓްމަންޓް، އައްޑޫގައި ގާއިމުކުރެވޭ ގޫގުލްގެ އިންވެސްޓްމަންޓަކީ މީގެކުރިން އެއަށް އެ ކުރާ އެޕްރޯޗަށްވުރެ ތަފާތު ގޮތަކަށް މަސައްކަތް ކުރީމަ ލިބުނު ދިވެހިންނާއި ބައްދަލުކުރި ނަސީބެކޭ އަޅުގަނޑު ދަންނަވާނީ. އެއީ ޔޫ.އެން އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު ވެސް ގޫގުލްގެ އޮފީހަށް އެމަނިކުފާނު ވަޑައިގެން އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ރާއްޖޭގެ އިންވެސްޓް ކޮށްދިނުމަށް އެދިގެން އައި އިންވެސްޓްމަންޓެއް އެއީ އިނގޭތޯ. ހަމަ އެގޮތް އޮތީ އެހެން ކަންތައްތަކުގައި ވެސް"، އިގްތިސާދީ ވަޒީރު ވިދާޅުވިއެވެ.
އެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވުނީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ޕޭޕަލްއިން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބައިވެރިއެއްގެ ގޮތުގައި އޫރީދޫ އިޚުތިޔާރުކުރުމަށްފަހު، ޚިދުމަތް ދިނުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށްދިޔައީ ސަރުކާރާއި ޕޭޕަލް އަދި އޫރީދޫ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރައްވާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މި ހިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު އާ އުސްމިންތަކަކަށް ދަތުރުކޮށް، ބޭރުގެ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބެން ފަށާނެއެވެ. މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލުވުންކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ދިވެހި ފަންނުވެރީން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒެވެ.
ޕޭޕަލް ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ. ރާއްޖޭގެ ތާރީހުގައި އަލަށް ފެށި މި މުހިންމު ހިދުމަތާއެކު ފައިސާގެ މުއާމަލާތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރެވިގެންދާނެއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެ މަގުފަހިވެގެންދާނެއެވެ.