ENGLISH

08 ޖުލައި 2026

Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2026

|

އާމިނަތު އިބްރާހިމް

މަސްތުވާތަކެތީގެ މައްސަލާގައި ކުޅުދުއްފުށިން ހައްޔަރު ކުރި ދެ މީހުން - ފޮޓޯ: ފުލުހުންގެ އިދާރާ

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ 2 އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފިއެވެ.

މި ދެ އޮޕަރޭޝަންގެ ތެެރެއިން މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، އެ ރަށު / ކަގި، ފާޠިމަތު ޢަލީ (32އ) އެވެ.

ފުލުހުން ބުނީ އެ މީހުންތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމެވެ.

މި 2 މީޙުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ ތި 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ 2 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. 

މަސްތުވާތަކެތީގެ މައްސަލާގައި ކުޅުދުއްފުށިން ހައްޔަރު ކުރި ދެ މީހުން - ފޮޓޯ: ފުލުހުންގެ އިދާރާ

މީގެ އިތުރުން މި ދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށި / އެނީޒާ، އާދަމް މުޙައްމަދު (42އ) އާއި، އެރަށު / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) އެވެ.

ފުލުހުންގެ މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރު ކޮށްފައިވަނީ އެވަގުތު އެ މީހުން ތިބި ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާތީއެވެ. އަދި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހުން ވެސް 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު