ENGLISH

07 ޖޫން 2026

Advertisement

ތުލުސްދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

07 ޖޫން 2026

|

އާމިނަތު ނުޒްލާ

ތުލުސްދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ކ. ތުލުސްދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސިޑި އާއި ރޭމްޕްގެ ކޮންކްރީޓް މަސައްކަތުގެ 50 އިންސައްތަ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ހޮސްޕިޓަލުގައި ތަރައްޤީކުރާ އެކްސްރޭ ރޫމްގެ ފާރުތަކުގެ ކޮންކްރީޓް މަސައްކަތުގެވެސް 65 އިންސައްތަ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން އެކްސްރޭ ރޫމްގެ ވޯލް ޝަޓަރިންގެ މަސައްކަތްތަކާއި، ރެއިންފޯސްމަންޓް މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. 

ތުލުސްދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރުން، 1،729 އަކަފޫޓުގެ ހެލްތު ސެންްޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢުގައި ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތަކާއި، މެޑިކަލް ވޯޑްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީއަކާއި، އެކްސްރޭ ކޮޓަރިއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުތެރޭގައި، 101.71 މިލިއަން ރުފިޔާއަށެވެ.

ގާތްގަނޑަކަށް 1600 އެއްހާ މީހުން ދިރިއުޅޭ ތުލުސްދޫގައި ޞިއްޙީ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ޞިއްޙީ މަރުކަޒަކުންނެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު، މިހާރު ދެމުންދާ ޚިދުމަތް ފުޅާވެ ޒަމާނީ އައު ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ އެހެން ފަރާތްތަކަށް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު