ENGLISH

07 ޖޫން 2026

Advertisement

ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ރާއްޖެ ގެނެސްފި

07 ޖޫން 2026

|

އައިމިނަތު ޝަފާ

އެމްޕީއެލް ސަރަހައްދު.

ސްރީ ލަންކާ ޕޯޓުން މާލޭ ވިޔަފާރި ބަނދަރަށް މުދާ ގެނައުމުގައި ދިމާވި ދަތިތައް ހައްލުކޮށް ތާށިވެފައިހުރި 4،000 ކޮންޓެއިނަރު މާލެ ގެނެސްފިއެވެ. 

މި އަހަރުގެ ކުރީކޮޅުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މާލެއަށް ކޮންޓޭނަރު ގެނައުމުގައި ލަސްތަކެއް ކުރިމަތިވިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން، ކޮލޮމްބޯ ޕޯޓުން މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރު ގެނައުމަށް ދިމާވެފައިވާ ދަތިތަތައް މިހާރު ހައްލުކުރެވިފައިވާކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް އުފެދުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުންނެވެ. އަދި ބައެއް ބޯޓު ފަހަރުން ކުރިން އެއް ފަހަރާ ގެންނަ އަދަދަށްވުރެ ގިނައިން، ކޮންޓޭނަރު ގެނައުމުގެ ސަބަބުން، ބަނދަރުގެ މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވެގެންދިޔައެވެ. ބަނދަރުގެ ޖާގައިގެ ދަތިތަކަމާ ގުޅިގެން، އުފެދުނު ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވިކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެހެން ނަމަވެސް، އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓްގައި ނުގެނެވި ހުރި، 4000 އަށްވުރެ ޓީ.އީ،ޔޫ ރާއްޖެ ގެނެސްފައިވާކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ މިހާރު މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓު ފަހަރުން ކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ދަތުރުތަކެއްކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މި ވަގުތުން ވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ، ފިޔަވަޅުތައް އެޅުމަށް އެމްޕީއެލްއިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ.

އެގޮތުން، ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިހާރު ހަވާލުކޮށްފައިވެއެވެ. މިއީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުުތު ތަރައްގީކުރާ ސަރަހައްދެކެވެ. އެމްޕީއެލްއިން ބުނީ  ކުންފުނީގެ އަމާޒަކީ މި އަހަރުގެ އޮކްޓޯބަރު މަހަށް މި ސަރަހައްދުގެ މަސައްކަތް ފުރިހަމަކުރުންކަމަށެވެ. އަދި މި މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ހިދުމަތް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ހާއްސަ ކުރެވޭ "ސާވިސް ކީ" އެއްގެ ގޮތުގައެވެ.

އެމްޕީއެލްއިން ބުނީ ކުންފުނީގެ އޮޕަރޭޝަންސްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ފުރިހަމައަށް ހައްލުކުރެވޭނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވުމުންކަމަށެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު