ENGLISH
07 ޖޫން 2026
ލެބޯޓްރީ ހުރިހާ ރަށަކަށް، ޞިއްޙީ ބޮޑު އިންގިލާބެއްގެ އެއް އަމާޒު
07 ޖޫން 2026
|
ލެބޯޓްރީއެއްގައި ޓެސްޓުތަކެއް ހަދަނީ. ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ އަމާޒަށް އަންނަނީ މަސައްކަތްކުރަމުން.
އެންމެ މަޤްބޫލު
ޞިއްޙީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް އެރަށެއްގެ ނިސްބަތުން ހެދުމަކީ ޞިއްޙީ ނިޒާމުގެ ތެރެއިން ކޮންމެ ރަށަކަށްވެސް ކަށަވަރުވާންޖެހޭނެ ކަމެކެވެ. ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކުރުމެވެ. މިއީ ސަރުކާރުން ގެންނަ ޞިއްޙީ ބޮޑު އިންގިލާބެއްގެ ބޮޑު އެއް އަމާޒެވެ.
ސަރުކާރުން މިހާރު އަންނަނީ ދެ އަހަރުގެ އަމާޒެއްގެ ދަށުން ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އަސާސީ ތަހުލީލުތައް ނުހެދޭ 76 ރަށުގައި އެ ޚިދުމަތް ފެށުމުގެ އަވަސް މަސައްކަތްތަކެއް ފެށިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 13 އޮކްޓޫބަރު 2025 ވަނަ ދުވަހު ށ. ނޫމަރާ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2026 ވަނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. ނޫމަރާ ރައްޔިތުންނާ ބައްދަލުކުރެއްވުން. 2026 ނިމޭއިރު ލެބޯޓްރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ވިދާޅުވި. ފޮޓޯ: ރައީސް އޮފީސް
ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް 76 ރަށުގެ ތެރެއިން 18 ރަށެއްގައި ޚިދުމަތް ވަނީ އަލަށް ޤާއިމުކޮށްފައެވެ. އިތުރު 15 ރަށެއްގެ މަސައްކަތް ކުރުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މި ރަށްތަކާއެކު ކުރިއަށް އޮތް މަސްތަކުގައި 33 ރަށެއްގައި ލެބޯޓްރީ ޤާއިމުކުރެވިގެންދާނެއެވެ.
މި ޚިދުމަތް ޤާއިމުކުރަނީ އާންމުކޮށް ހެދޭ ޓެސްޓުތައް ހެދުމާއެކު، އެތަންތަނަށް ބޭނުންވާ ލެބް ޓެކްނީޝަނުންނާއި އެހެނިހެން ވަސީލަތްތަކާއެކުއެވެ.
ޞިއްޙީ ވަޒީރުކަން ކުރިން ކުރެއްވި ޢަބްދުﷲ ނާޒިމް އިބްރާހީމް، "ތަރުޖަމާނާއެކު" އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން މިިދިޔަ ޖަނަވަރީ މަހު ދެއްވެވީ ސަރުކާރުގެ އަމާޒާ އެއްގޮތަށް މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކޮށް ނިމޭނެ ކަމުގެ ޔަގީންކަމެވެ.
ސަރުކާރުގެ އަމާޒަކަށް އެންމެ ފުރަތަމަ ހެދީ ލެބޯޓްރީގެ ޚިދުމަތް ނެތް 76 ރަށުގައި، މިހާރުގެ އެންމެ މުހިންމު އެއް ޓެކްނޮލޮޖީ ކަމަށްވާ ޕޮއިންޓް އޮފް ކެއާގެ އުސޫލުން އަސާސީ ހުރިހާ ޓެސްޓެއް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. ލެބޯޓްރީ ޤާއިމުކުރުމުގެ ދެއަހަރުގެ އަމާޒުގެ ދަށުން ސަރުކާރުން އެންމެ ފުރަތަމަ ފެށީ އެމަސައްކަތްތަކެވެ. އޭގެފަހުން ދެވަނަ އަމާޒެއްގެ ގޮތުގައި ހެދީ ކޮންމެ ރަށެއްގައި ފިޒިކަލް ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތް ފެށުމެވެ.
ލެބޯޓްރީ ޚިދުމަތުގެ މުހިއްމުކަމާއި، އެ ޚިދުމަތް ސަރުކާރުން މިއަހަރުތެރޭ ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވެވީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ.
"ލެބޯޓްރީ ނެތް 76 ރަށުގައި މި އަހަރުގެ ނިޔަލަށް ލެބޯޓްރީ ޤާއިމުކޮށް ނިމޭނެ. އަދި، އެތައް އަހަރެއް ވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ހަލާކު ވެ ޚިދުމަތް ދިނުން ހުއްޓިފައިވާ މެޝިނަރީ އާއި އިކުއިޕްމެންޓްތައް ބަދަލުކުރުމުގެ މުހިންމު މަޝްރޫޢެއް މިހާރުވަނީ އެސް.ޓީ.އޯ އާ ހަވާލު ކުރެވިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިމި އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިއްޙީގޮތުން ދުޅަހެޔޮ ރައްޔިތަކަށް ދިވެހި ކޮންމެ ރައްޔިތެއް ހެދުމަކީ މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެ އެންމެ މުހިއްމު އެއް އަސާސެވެ. މިގޮތުން ވަށައިޖެހޭ ގޮތަކަށް ބަލިބަލިން ރައްކާތެރިކުރުމުގެ ސިޔާސަތު އަދި ބަލިޖެހުމުން ރަނގަޅު ފަރުވާދީ ބަލިން ސަލާމަތްކުރުމުގެ ސިޔާސަތުގެ ދަށުން ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެއީ ހުރިހާ ރައްޔިތުން ޝާމިލްވާނޭހެން ތަންފީޒުކުރަމުންގެންދާ ސިޔާސަތުތަކެކެވެ. ސަރުކާރުގެ މި މަސައްކަތްތަކާއެކު، ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެއަށް ބަރޯސާވާން ޒަމާނުންސުރެ ޖެހިފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.