ENGLISH
06 ޖޫން 2026
އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަޖިލީހަށް ރާއްޖެ އިންތިޚާބުވުމަކީ ބަސް އިއްވަން ލިބުނު އިތުރު ފުރުސަތެއް: ތަރުޖަމާނު
06 ޖޫން 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވާހަކަފުޅުދައްކަވަނީ. ތިމާވެށީގެ ދާއިރާގެ ކުރިއެރުމަށް ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދަވާކަމަށް ވިދާޅުވި. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޯސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އަލަށް އިންތިޚާބުވުމަކީ އިޤްތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ދާއިރާއިންވެސް ބަސް އިއްވަން ރާއްޖެއަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިފަދައިން ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އދ. ގެ އެ މަޖިލީހަށް ރާއްޖެ ފުރަތަމަ ފަހަރަށް އިންތިޚާބުވީ ޖޫން ހަތަރު ވަނަ ދުވަހުއެވެ.
މިއަދުގެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ އދ. ގެ މައިގަނޑު ހަ ބަހާގެ ތެރެއިން އިކޯސޮކް އަކީ މައިގަނޑު އެއް ބައި ކަމަށެވެ. އިކޯސޮކްގައި ރާއްޖެ ހިމެނުމުން ބައިނަލްއަގްވާމީ މައިދާނުގައި ބަސްބުނަށް ރާއްޖެއަށް ލިބިގެންދިޔައީ އިތުރު ފުރުސަތެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"އިކޯސޮކްގެ މެންބަރަށް ރާއްޖެ މިވަނީ ވެފަ. އެއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް. އިކޯސޮކްގެ މެންޑޭޓުގެ ތެރެއަށް ވަންނާނެ އިޤްތިޞާދާއި އިޖުތިމާޢީ ގުޅުންތަކާއި ތިމާވެއްޓާ. އެހެންވީމަ އިކޯސޮކްގެ މެންޑޭޓުގެ ތެރޭގައި ވެސް ސިޑްސް އާއި އެންވަޔަރަމަންޓް އެބަ ފާހަގަވޭ. އެހެންވީމަ އަޅުގަނޑުމެންނަށް އަނެއްކާވެސް އިތުރު ފުރުސަތެއް މި ލިބުނީ ބައިނަލްއަގްވާމީ މައިދާނުގައި އަޅުގަނޑުމެންގެ ބަސް ބުނެ، އަޅުގަނޑުމެންގެ ސިޔާސަތުތައް ގެންގުޅެ، އަޅުގަނޑުމެންނަކީ ޒިންމާދާރު ބައެއްގެ ގޮތުގައި ފާހަގަކުރަން" ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ، ތިމާވެށީގެ ދާއިރާގައި ރާއްޖެއަކީ ފެށުނީއްސުރެ ފަޚުރުވެރި ހައިޞިއްޔަތެއް އޮންނަ ޤައުމެއް ކަމަށެވެ. އަދި ތިމާވެށީގެ ރޮނގުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އަބަދުވެސް ޚާއްޞަ ދަރަޖަތަކެއް ދީފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ތިމާވެށީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މިގޮތުން އެންމެ ބޮޑު އަމާޒަކީ ޚާރިޖީ ވުޒާރާއިން ބޭރުން ދުނިޔެއާ ވަރަށް ބޮޑަށް ގުޅިގެން ގިނަ އޭޖެންސީތަކެއްގެ ފްރަންޓްލައިންގައި މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.
ތިމާވެށީގެ ދާއިރާގެ ކުރިއެރުމަށް ރާއްޖޭގައި ރަނގަޅުކުރަން ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އޭގެތެރޭގައި ފަންނީ ޒުވާނުން ބިނާކުރުން މުހިއްމުކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"މި ސަރުކާރު އައިއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ފާހަގަކުރީ ހިއުމަން ރިސޯސް. އަޅުގަނޑުމެން ރާއްޖޭގައި އެބަޖެހޭ ތިމާވެށީގެ އެކި ދާއިރާތަކުގެ ތަޢުލީމު ޙާސިލްކޮށްގެން އެދާއިރާގެ ފަންނީ އިތުރު ބައިވަރު ޒުވާން ބޭފުޅުން ބޭނުންވޭ އެބަ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް އެބަދެން ގިނަ ޒުވާނުންތަކަކަށް ފުރުސަތުތައް ދީގެން އެބޭފުޅުން ތަމްރީނުކޮށްގެން މި ދާއިރާ ތެރެއަށް ނެރުން ވެސް" ތަރުޖަމާނު ވިދާޅުވިއެވެ.
ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކުރުމަށް ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ހަރަދުކުރުމަށް ހާއްސަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.