ENGLISH
20 މޭ 2026
ފްރަންޓިއާ ޕްލަސް-3؛ ދިހަ ގައުމެއްގެ ބައިވެރިވުމާއެކު ސްކޭމުތައް ހުއްޓުވުމުގައި ބޮޑެތި ކާމިޔާބުތަކެއް
20 މޭ 2026
|
"ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ދިވެހިރާއްޖެ ހިމެނޭހެން ދިހަ ގައުމެއްގެ ފުލުހުން ގުޅިގެން ހިންގި "ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނުގައި ސްކޭމުތައް ހުއްޓުވައި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފިއެވެ.
މިއަދު ހެނދުނު ފުލުހުންގެ ހިދުމަތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ދިހަ ގައުމުގެ ތެރެއިން ގިނަ ގައުމުތަކެއްގެ ފުލުހުންގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ސްކޭމުތައް ހުއްޓުވައި، އެފަދަ މައްސަލަތައް ތަހުގީގުކޮށް، ސްކޭމު ހިންގައިގެން މީހުންގެ އަތުން ފޭރޭ ފައިސާ އަނބުރާ ހޯދުމުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފުސީލުތައް އެ ގައުމުތަކުގެ ފުލުުހުންގެ އިސްވެރިން ހިއްސާކުރެއްވިއެވެ.
ސިންގަޕޫރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އައިލީން ޔަޕް ވިދާޅުވި ގޮތުގައި "ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނުގައި ރާއްޖެއާއި ސިންގަޕޫރާއި މެލޭޝިޔާއާއި ހޮންކޮންގާއި މަކާއޯއާއި ބުރޫނާއީއާއި ތައިލެންޑާއި އިންޑޮނޭޝިޔާއާއި ކެނަޑާއިން ބައިވެރިވިއެވެ.
އޭނާ ވިދާޅުވީ މާޗު 10، 2026 ވަނަ ދުވަހުން ފެށިގެން މޭ 7، 2026 ވަނަ ދުވަހުގެ ނިޔަލަށް 7،500 އަށްވުރެ ގިނަ މީހުން ސްކޭމުތަކާ ގުޅޭ ތުހުމަތުތަކުގައި މި ދިހަ ގައުމުން ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި 3،000 އަށްވުރެ ގިނަ މީހުން އެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާކަން އައިލީން ހާމަކުރެއްވިއެވެ. މި މީސްމީހުންނާ ގުޅުންހުރި 138،000 އަށްވުރެ ގިނަ ކޭސް ތަހުގީގުކުރެވިފައިވެއެވެ.
އައިލީން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި ތަހުގީގުކުރެވުނު ކޭސްތަކުގައި ގެއްލުނު ފައިސާގެ އަދަދު 752 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ސިންގަޕޫރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި "ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނުގެ ދަށުން ގާތްގަނޑަކަށް 102 އެކައުންޓެއް ފްްރީޒުކުރެވުނެވެ. އެ އެކައުންޓުތަކުގައި 161 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރިކަމަށްވެސް ވިދާޅުވިއެވެ.
މި މުއްދަތުގައި ހަމައެކަނި ސިންގަޕޫރުން ހާހަކަށްވުރެ ގިނަ މުއްތަހަމުންނާ ގުޅޭ ތަހުގީގުތައް ހިންގައި، 130 މީހަކު ހައްޔަރުކުރިއެވެ. އެމީހުންނަކީ 3،000 އަށްވުރެ ގިނަ ކޭސްގައި ޝާމިލުވާ މީހުންނެވެ. އެ ކޭސްތަކުގައި 54.7 މިލިއަން ޑޮލަރު ގެއްލުނުއިރު، 27 މިލިއަނެއްހައި ޑޮލަރު އަނބުރާ ހޯދައިދެވިފައިވާކަން އައިލީން ފާހަގަކުރެއްވިއެވެ.
"ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އެމްއެމްޓީވީ
ހޮންކޮންގގެ ފުލުހުންގެ ކޮމާޝަލް ކްރައިމް ބިއުރޯގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ފެނީ ކޯމް ވިދާޅުވި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހޮންކޮންގައި ސްކޭމުގެ 9،427 ކޭސް ރެކޯޑުކުރެވުނެވެ. އެކޭސްތަކަކީ ހޮންކޮންގުގައި ރެކޯޑުކުރެވުނު ކުށްތަކުގެ 46 އިންސައްތަ މައްސަލައެވެ. މި މައްސަލަތަކުގައި 236 މިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދިޔައެވެ.
ފެނީ ވިދާޅުވި ގޮތުގައި ސްކޭމުތަކުގެ ޝިކާރައަށްވާ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވި، އެމީހުންނަށް މިފަދަ ކަންކަމާ ގުޅޭ މަައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
"ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނުގެ ދަށުން ހޮންކޮންގުގައި 870 މީހުން ހައްޔަރުކޮށް، 742 ސްކޭމް ކޭހެއް ތަހުގީގުކުރިއެވެ. އެ ކޭސްތަކުގެ ތެރެއިން 69 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ހޯދައިދެވިފައިވާކަން ހޮންކޮންގު ފުލުހުން ހާމަކުރިއެވެ. މި ފައިސާ ހޯދުނީ 200 އަށްވުރެ ގިނަ އެކައުންޓުތަކުންނެވެ.
ފެނީ ވިދާޅުވީ، މި ކޭސްތަކުގެ ތެރެއިން ފާހަގަކުރެވުނު އެއްކަަމަކީ ސްކޭމު ހިންގައިގެން މީހުން އަތުން ފޭރޭ ފައިސާ ކްރިޕްޓޯ ކަރަަންސީއަށް ނުވަތަ ޑިޖިޓަލް ފައިސާއަށް ބަދަލުކޮށް، ހަލުއިކަމާއެކު އެ ފައިސާއިން މުއާމަލާތްކޮށް ފައިސާ ގެއްލުވައިލަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިންގަޕޫރުގައި ހިންގި ސްކޭމަކުން ފޭރުނު ފައިސާ ހޮންކޮންގައި ހުރި ބޭންކު އެކައުންޓުތަކަކަށް ބަދަލުކުރުމަށްފަހު ވާޗުއަލް ފައިސާއަށް ބަދަލުކޮށް ފޮރުވަން މަސައްކަތްކުރަނިކޮށް "ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނުގެ ތެރެއިން އަތުލައިގަނެވިފައިވާކަމަށް ފެނީ ވިދާޅުވިއެވެ.
"ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އެމްއެމްޓީވީ
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެލޭޝިޔާގެ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮޮލިސް މަޔޯނަޔަރިން ކްރިޝްނިން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި އެ ގައުމުން ސްކޭމުތައް ހިންގާ 57 ސިންޑިކޭޓެއް ދެނެގަނެވި، 1،451 މީހަކު ހައްޔަރުކޮށް، 300،000 އަށްވުރެ ގިނަ ޑޮލަރު ހޯދާފައިވެއެވެ.
އިތުރަށް އޭނާ ވިދާޅުވީ މި އޮޕަރޭޝަނުގެ ތެރެއިން މަކާއޯއިން ފޯރުކޮށްދިން އިންޓެލިޖެންސްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްކޭމު ހިންގުމުގައި ބޭނުންކުރުމަށް ވަގުފާރުކުރި 16 އަހަރުގެ ޗައިނާ ކުއްޖެއް މެލޭޝިޔާ މަގުން ނޭޕާލަށް ދަތުރުކުރަން އުޅެނިކޮށް ކުއަލަލަމްޕޫރުގެ އެއާޕޯޓުން ހުއްޓުވައި އަނބުރައި މަަކާއޯއަށް ފޮނުވައިދެވުނު ކަމަށެވެ.
ކްރިޝްނިން ފާހަގަކުރެއްވި ގޮތުގައި މިފަދަ އޮޕަރޭޝަންތަކުގައި ގައުމުތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހަލުއިކޮށް ބަދަލުކުރެވުމުގެ ބޭނުންތެރިކަން މި ހާދިސާއިން ވަރަށް ބޮޑަށް ސާފުވިއެވެ.
ކޮރެއާ ފުލުހުންގެ ފަރާތުން ވާހަކަދެއްކެވި ސްޕެރިންޓިންޑެންޓު އޮފް ޕޮލިސް ސަންގްޔުން ޕާކް ވިދާޅުވެފައިވަނީ ކެމްބޯޑިއާގައި ގާއިމުވެގެން ތިބެ، ސްކޭމު ހިންގާ ގުރޫޕެއް ދެނެގަނެވިފައިވާ ކަމަށެވެ. އެމީހުން ޝިކާރައަކަށްވާ މީހުންނާ އާތިފީ (އިމޯޝަނަލް) ގުޅުންތައް ގާއިމުކޮށް އެމީހުން ލައްވައި ކްރިޕްޓޮކަރަންސީ ޓްރޭޑުކުރާ ފޭކު މަންސަތަކުގައި ފައިސާ ހަރަދުކުރުވައިގެން އެ ފައިސާ ފޭރިގަންނަމުންދިޔަ ކަމަަށެވެ. ހަމައެގޮތަށް ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގަމުންއައި ސްކޭމުތަކެއް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކެމްބޯޑިއާ ފުލުހުންނާއި ކޮރެއާ ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މި ސްކޭމު ހިންގާ ގުރޫޕުގެ ބައިވެރިން ހޯދައި އެމީހުން ކޮރެއާއަށް ގެނެވިފައިވާކަން އޭނާ ހާމަކުރެއްވިއެވެ
"ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އެމްއެމްޓީވީ
މަކާއޯ ފުލުހުން މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހާމަކުރެއްވި ގޮތުގައި ސްކޭމް ހުއްޓުވުމަށް އެގައުމުގެ ފުލުހުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގައި ރިޕޯޓުކުރެވުނު ސްކޭމްތަކުގެ އަދަދު 35.7 އިންސައްތަ ދަށްކުރެވިފައިވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 33 އިންސައްތަ އިތުރުވިއެވެ.
އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލުނީ އޮންލައިން އިންވެސްޓުމެންޓު ސްކޭމުތަކުގައިކަން މަކާއޯ ފުލުހުން ފާހަގަކުރިއެވެ. އަދި ސަރުކާރު އިދާރާތައްކަމަށް ހެދިގެން ހިންގާ ސްކޭމުތަކާއި ކޯލް ސެންޓަރުތައް ކަމުގައި ހެދިގެން ހިންގާ ސްކޭމުތަކުގެ އިތުރަށް ލޯބީގެ ގުޅުން އުފައްދައިގެން ހިންގާ ސްކޭމުތަކަކީ ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން ފޭރިގަތުމަށް ސްކޭމު ހިންގާ މީހުން ބޭނުންކުރި އުކުޅުތައް ކަމުގައި ފާހަގަކުރިއެވެ.
މަކާއޯ ފުލުހުން ބުނި ގޮތުގައި އެންމެ ބޮޑަށް އެގައުމުގައި އިސްކަންދެނީ ސްކޭމު ހިނގުމުގެ ކުރިން ހުއްޓުވުމަށާއި، ސްކޭމެއްގައި މީހަކު ޖެހިއްޖެނަމަ ފައިސާ އަނބުރާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ބޭންކުތަކާ ގުޅިގެން ވަރަށް ގިނަ މަސައްކަތްކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ސްކޭމު ހިންގާ ގޮތަށް އަންނަ ބަދަލުތަކާއެކު "ފްރޮންޓިއާ ޕްލަސް"ގައި ބައިވެރިވާ ގައުމުތަކުގެ ފުލުހުންނާ ގުޅިގެން އިންޓެލިޖެންސް ހިއްސާކުރުމަށް ބޮޑު ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންދާކަމަށްވެސް މަކާއޯ ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
"ފްރޮންޓިއާ ޕްލަސް-3" އޮޕަރޭޝަނުގައި ދިވެހި ފުލުހުން 349 އަށްވުރެ ގިނަ ސްކޭމު ކޭސް ތަހުގީގުކުރިއެވެ. އެ ކޭސްތައް ތަހުގީގުކުރުމަށް ރާއްޖޭގެ އެންޓި-ސްކޭމް އޮޕަަރޭޝަން ސެންޓަރުގެ 41 އެޮފިސަރުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
މި ސްކޭމް ކޭސްތަކުގެ ޝިކާރައަށްވީ ދިވެހިންގެ އަތުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނުކަން ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވެއެވެ. މި ފައިސާ ގެއްލުނަނުދިނުމަށް ހަލުއި ފިޔަވަޅުތައް އަޅައި 604 އެކައުންޓެއް ފްރީޒުކުރިކަމަށާއި، ކޯޓު އަމުރުގެ ދަށުން 158 އެކައުންޓު ގަނޑުކުރިކަމަށާއި، ގާތްގަނޑަކަށް 1.16 މިލިއަން ރުފިޔާ ފުލުހުން އަނބުރާ ހޯދައިދެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ސްކޭމަރުން ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ބޭނުންކުރާ ފަރުދުން ނުވަތަ މަނީ މިއުލްސް ހޯދުމަށް ހާއްސަ ސަމާލުކަމެއްދީގެން އެކަމުގައި ތުހުމަތުކުރެވޭ 574 މުއްތަހަމުންނާ އިންޓަވިއުކުރެ 16 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި އެންމެންނަކީވެސް ފިރިހެނުންނެވެ.
އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް އިންވެސްޓުމެންޓު ސްކޭމުތައް އިތުރުވަމުންދާކަމަށާއި، ބޭރު ފައިސާ ގަނެވިއްކުމުގެ ނަމުގައި ހިންގާ ސްކޭމުތައްވެސް ފާހަގަކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުންޏެވެ.