ENGLISH
20 އޭޕްރީލު 2025
ޤާނޫނުތަކަށް ގެނައި އިސްލާހަކީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތްވާގޮތުގެ މަތިން ގެނައި ބަދަލުތަކެއް: މެމްބަރު ނަސީރު
20 ޑިސެމްބަރު 2024
|
އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަޙްމަދު ނަޞީރު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޤާނޫނުތަކަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތްވާގޮތުގެ މަތިން ގެނެވުނު ބަދަލުތަކެއްކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ މި ސަރުކާރު ޤައުމާ ހަވާލުވީއިރު ޤައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަމަށެވެ. އެހެންކަމުން ޤާނޫނީގޮތުން ވަރަށް ގިނަ އިސްލާހުތައް ގެންނަން ޖެހިވަޑައިގަތް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދޭން ޖެހިވަޑައިގަތީ، ދަރަނި މެނޭޖުކުރަމުންކަމަށް މެމްބަރު ވިދާޅުވިއެވެ.
"އެހެންވީމަ އެ ގޮތުން ޑޮލަރަށް ވެސް އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑު އިސްލާހުތަކެއް ގެނެސްފަ. އަދި އޭގެ އިތުރަށް ދަރަނި މެނޭޖުކުރުމާ އަދި ދަރަންޏައް ޒިންމާވުމާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ. ދެން މި ނޫންގޮތުން އަދި ދުންފަތަށް މި ގެނައި އިސްލާހާ އަދި ވޭޕް މަނާކުރުމާ، އަދި އިޖުތިމާއީގޮތުން މި ގައުމު މިހާރު ވެއްޓިފަ އޮތް ވަޅުގަނޑުން ނެގުމަށްޓަކާ ގާނޫނަށް މިވަނީ އެކިއެކި ބަދަލުތަކެއް ގެނެސްފަ." - މެމްބަރު ނަޞީރު ވިދާޅުވިއެވެ.
ޤާނޫނަށް ގެނެވުނު އިސްލާހުތައް ފާހަގަކުރައްވާ، ޑޮލަރަށް ގެނައި އިސްލާހަކީ ރައްޔިތުންނަށް އެކަމުގެ މަންފާ އެންމެ ބޮޑަށް ކުރާނެ އިސްލާހުކަމަށް ވެސް މެމްބަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މުސްތަޤަބަލް ބިނާވެ، އިޤްތިޞާދީ ގޮތުން ފައިދާވެ، ދިވެހިރާއްޖޭގެ އާމްދަނީ ދައުރުވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖެ މިވަނީ ވަރަށް ބޮޑަށް އާމްދަނީގެ ގޮތުން ދަށްވެފަ. އަދި މި ރާއްޖެއިން ބޭރުން އާމްދަނީ ލިބެންޖެހޭ ދިމަދިމާލުން އާމްދަނީ ނުލިބި. އަދި ރާއްޖޭ ރައްޔިތުން ބޭރަށް ފުރައިގެން ދިއުމުގައި އަދި މި ނޫންވެސް މުދާ އެތެރެކުރުމުގައި ބޭނުންކުރާ ބޭރު ފައިސާ ވަރަށް ބޮޑަށް ދަތިވެފަވާ ދަނޑިވަޅެއްގަ އަޅުގަނޑުމެން މި ޤާނޫނަށް މި އިސްލާހު ގެނައީ" - ޑޮލަރާ ގުޅޭ ޤާނޫނާ ބެހޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއަށް ވެގެން ދާނީ މުސްތަޤުބަލުގައި ވިޔަފާރިވެރިންނަށާއި އެކިއެކި ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއްވާނެކަމަށް ވިދާޅުވިއެވެ.