ENGLISH

20 އޭޕްރީލު 2025

Advertisement

ކައުންސިލްތަކުގެ ޒިންމާތަކާ އެއްވަރަށް ވަސީލަތްތައް ޤާއިމުކޮށް މީހުން ބިނާ ކުރަންޖެހޭ: އާދަމް ޝަރީފް

20 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ޖަލްސާގައި ވާހަކަ ދައްކަވަނީ.

ކައުންސިލްތަކުގެ ޒިންމާތަކާ އެއްވަރަށް ވަސީލަތްތައް ގާއިމުކޮށް މީހުން ބިނާ ކުރަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވި ކައުންސިލްތަކުގެ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ "ކަންގަތި އެވޯޑް" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަށްރަށުގެ ތަރައްގީގައި ކައުންސިލްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފު ވިދާޅުވީ އެ ޒިންމާތަކާ އެއްވަރަށް ވަސީލަތްތައް ގާއިމުކޮށް މީހުން ބިނާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ އެއް ކަމަކީ ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ކުރިއަށްގެންދަވާ މަޝްރޫއުތައް ކަމަށާއި 105 ކައުންސިލް އިމާރާތް ރަނގަޅު ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ނިޒާމު ކަމަށާއި، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ހިދުމަތް ދިނުމަށް މަގުފަހިވާ ނިޒާމު ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ، ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ގާނޫނީ ބާރު ލިބިދޭ ނިޒާމު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން، ގްރީން ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ނިންމަވައި ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވަނީ އެވޯޑްތައް ހާސިލު ކުރެއްވި ހުރިހާ ކައުންސިލްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު