ENGLISH

20 އޭޕްރީލު 2025

Advertisement

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ސީ.އެޗް.އެސް.އީގެ ހަތަރު ދަރިވަރަކަށް ދީފި

20 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ހާސިލްކުރި 4 ދަރިވަރުން --- ފޮޓޯ: އެމް.އޭ.ސީ.އެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މެރިޓް އެވޯޑް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ. 

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑަކީ ކުންފުނީގެ ސީ.އެސް.އާރު - އެމް.އޭ.ސީ.އެލް ކެއަރގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރުންނަށާއި ފިރިހެން ދެ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. މި އެވޯޑާ އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑޭޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ދެއެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމް.އޭ.ސީ.އެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެ ކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދެއެވެ.

މި ކަމަށްޓަކައި ސީ.އެޗް.އެސް.އީގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސީ.އެޗް.އެސް.އީގެ އިސްވެރިންގެ އިތުރުން ގްރޭޑް 11 ގައި މި ވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލް އަކީ މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްގެ ހުރިހާ ޓެކްނިކަލް ދާއިރާތަކެއްގައި ވެސް މަސައްކަތްކުރަނީ ދިވެހިންކަން ފާހަގަކުރައްވައި، ސްކޫލް ނިންމާ ދަރިވަރުން އެމް.އޭ.ސީ.އެލްއާ ގުޅުމަށް ދަޢުވަތު އެރުވިއެވެ. އަދި ކިޔެވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި، ޚާއްސަކޮށް ކަންކަން ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، މުސްތަޤުބަލުގައި ކާމިޔާބު މީހުންނަށް ވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ސީ.އީ.އޯ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީ.އެޗް.އެސް.ސީގެ ޕްރިންސިޕަލް ޒުހުދު ހައްޤު ވަނީ އެމް.އޭ.ސީ.އެލް އިން މިފަދަ ފުރުސަތުތަކެއް ދަރިވަރުންނަށް ހޯދައިދިން ކަމަަަށްޓަކައި ކުންފުނީގެ އިސްވެރިންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން، ޒުހުދު ވިދާޅުވީ ސީ.އެޗް.އެސް.އީ އަކީ ކިޔެވުމުގައި ވާދަވެރި ދަރިވަރުން ތިބި ސްކޫލެއް ކަމަށާއި މި އެވޯޑުގެ ސަބަބުން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.

އެމް.އޭ.ސީ.އެލް ކެއަރގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހިންގުންތެރި މީހުން އުފެއްދުމަށް ވެވޭ އެހީއެކެވެ. މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ސީ.އެޗް.އެސް.އީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް އެމް.އޭ.ސީ.އެލް އިން ދަނީ ފައިސާގެ އިނާމު ވެސް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު