ENGLISH
20 އޭޕްރީލު 2025
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބޭކަމުގެ ލިއުން ދޫކޮށްފައި ވަނީ ކުރީ ސަރުކާރުން: ޕޮލިސް
19 ޑިސެމްބަރު 2024
|
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބޭކަމުގެ ލިއުން ދޫކޮށްފައި ވަނީ ކުރީ ސަރުކާރުން ކަމަށް މިހާތަނަށް ތަހުގީގަށް ސުވާލުކުރި މީހުން ބުނެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން ކަމުގެ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގަށް މިހާތަަނަށް ފާހަގަ ކުރެވުނު ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެއިން އެއް ބިމެއް އެކަމަކަށް ވުރެ ގިނަ މީހުންނަށް ލިބޭ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިއުން ދޫކޮށްފައިވާކަން އެލިއުންތަކަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އެލިއުންތަކުގައިވާ ތާރީޚުތަކަށް ބެލުމުން އެލިއުންތައް ނިސްބަތްވަނީ ކުރީ ސަރުކާރަށްކަން ކަށަވަރުވާ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވަން މިލިއުންތަކަކީ ސައްހަ ލިއުންތަކެކޭ. އެހެންނަމަވެސް މިހާތަނަަށް ތަހުގީގަށް ފާހަގަކުރެވުނު ކަމަކަށްވާތީ، (އެކަން) މި ފާހަގަކޮށްލީ،" އޮފިޝަލު ވިދާޅުވިއެވެ. "ތަހުގީގަށް މައުލޫމާތުދިން އެކަކު، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީނާ ބައްދަލުކޮށް، ގޯތި ނުލިބިގެން ޝަކުވާ ކޮށްފައިވެސް ވޭ. އޭގެ ފަހުން ހައުސިން މިނިސްޓްރީން އެމީހާއަށް ގުޅައި، ގޯތި ލިބޭ ގޮތަށް ހަމަޖެހިފައިވާކަން އޭނާ އަށް އެނގިކަަށް ވެސް އޭނާ ފުލުހުންނަށް މައުލޫމާތުދީފައިވޭ."
ފުލުހުން ވިދާޅުވި ގޮތުގައި މި ތަހުގީގު ކުރިއަށް ގެންދަނީ "ވަރަށް ސީރިއަސް" ކޮށެވެ. އަދި މިހާރު އޭސީސީއާ ގުޅިގެން އިތުރަށް ތަހުގީގު ފުޅާކުރަން ނިންމާފައިވާކަން ފާހަގަކުރައްވަމުން އޮފިޝަލު ވިދާޅުވީ، ހުރިހާ އެންގަލްތަކުން ވަށާ ޖެހޭ ތަހުގީގެއް މިކަމުގައި ހިންގަން ނިންމާފައިވާ ކަމަށެވެ.
"މިހާރު މިދަނީ ހެކި ހޯދުމާއި މީހުންނާ ސުވާލުކުރުމުގެ މަސައްކަތް. ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރަށް ފާހަގަކުރެވޭ ކަންކަންވެސް އަޅުގަނޑުމެން ބަލަމުން ގެންދާނަން. ތަހުގީގުގެ ބޭނުމަަށްޓަައި ޕާސްޕޯޓް ހިފަހައްޓަން ޖެހޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުން ފަދަ ފިޔަވަޅުތައްވެސް އަޅަމުން ގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް އެޗްޑީސީ އަދި މިހާރުގެ ހައުސިން މިނިސްޓްރީގެ މައްސަލައެއް ކަނޑައެޅިގެން ފާހަގަކުރެވިފައި ނެތް ކަމަށެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ މައްޗަށް އެއްވެސް ކަމެެއްގައި ތުހުމަތު ނުކުރެވޭކަން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެއްގޯއްޗެއް އެކަކަށްވުރެ ގިނަ މީހުންނަށް ލިބިފައިވާކަން އެންމެ ފުރަތަމަ ފާހަގަ ކޮށްފައިވަނީ އެޗްޑީސީންކަން ފުލުުހުން މިރޭ ވިދާޅުވިއެވެ. އަދި އެ ގޯތިތަކުގެ އިން ވަކި ކުރުމަށް އެޗްޑީސީއަށް ހުށައަޅާފައި ވަނީ ޕޯޓަލް މެދުވެރިކޮށް އުސޫލާ އެއްގޮތަށް ނަމަވެސް، ހުށަހެޅި ލިއެކިއުންތަކުގައި މައްސަލަ އުޅޭކަން ފާހަގަކުރެވިގެން ހައުސިން މިނިސްޓްރީއަށް ލިއުމުން އެކަން އެޗްޑީސީން އަންގައި، މައުލޫމާތުވެރިފައި ކުރި އިރު، އެއިން އެއްވެސް ފަރާތަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތެއް ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަންވެސް ފުލުހުން މިރޭ ފާހަގަ ކުރެއްވިއެވެ.