ބަދަލުގެ ގޮތުގައި އެމް.ޑީ.ޕީ އިން ބަހާލި އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ހުއްޓުވައިފި އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ނިމިދިޔަ ސަރުކާރުން 28 ނޮވެމްބަރު 2022 ގައި އެކުލަވާލި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއްކަމަށާއި، އެއް އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވައި، ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މި އުޞޫލަކީ ޤަނޫނީ ޙައިސިއްޔަތުން ބާރު ލިބިގެންވާ އުޞޫލެއް ނޫންކަމަށާއި، އޭ.ޖީ އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް، އެ އުޞޫލުގެ ދަށުން އުފައްދާފައިވާ މައްސަލަ ޙައްލުކުރުމަށް ލަފާދޭ ކޮމިޓީ އުވާލައްވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން އޭޖީ އޮފީހުން ކުރަން ޖެހޭ ދިރާސާތައް ކުރެއްވުމަށްފަހު، ބަންޑާރަ ނައިބު މިއަދު އަންގަވާފައިވަނީ، އެ އެއްބަސްވުންތަކަކީ ޢަމަލުކުރަން ޖެހޭ އެއްބަސްވުންތަކެއް ނޫން ކަމަށެވެ.
އުޞޫލާ ޚިލާފަށް ސޮއިކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި،
- ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ކަމަށް ބުނާ 26 މިލިޔަން ރުފިޔާ.
- ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ކަމަށް ބުނާ 64 މިލިޔަން ރުފިޔާ.
- އަމްސަން އެންޑް ފުޑް ބެވްރޭޖް ޕްރައިވެޓް ލިމިޓަޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ކަމަށް ބުނާ 5 މިލިޔަން އެއްލައްކަ ރުފިޔާ.
- ކްލިއަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް ގެއްލުމުގެ ބަދަލުގައި މާފަރު ފަޅު 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަތް އަހަރު ދިނުމާ ގުޅޭ މައްސަލަ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި އއ. މާފަރު ފަޅު 50 އަހަރަށް ދިނުމާއި ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ހަތް އަހަރު ދިނުން.
- ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް އއ. މަޑޫގަލި 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި 6 އަހަރު ދިނުމާ ގުޅޭ މައްސަލަ އާއި ކުލީގެ ލީޒް އެއްބަސްވުމާ ގުޅޭ ގޮތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ނިންމުމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި 20 މިލިއަން ޑޮލަރު ފައިސާ އިން ދިނުމުގެ ބަދަލުގައި ރ. ވިލިނގިލި، ރ. ތާވަތާ، ނ. އޮރިމަސްވަރު 50 އަހަރަށް ކުއްޔަށް ދިނުމާ އެކު ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި ފަސް އަހަރު ދިނުން.
- ހެންވޭރު ގިރިތެރޭގޭ ޢަބްދުﷲ ޢަލީ އަށް ހދ. ހޮނޑާފުށި 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އާ ލީޒް އެގްރީމެންޓެއްގައި ސޮއިކުރުމާއި، އެ ރަށުގެ ކުއްޔާއި ޖޫރިމަނާގެ ޢަދަދު މަޢާފުކުރުމުގެ މަައްސަލަ.
- ޖޭ.އެޗް. ރިސޯޓްސް ޕްރައިވެޓް ލިމިޓަޑަށް ހދ. ކުޑަ މުރައިދޫ 50 އަހަރަށް ކުއްޔަށް ދޫކުރުމާއެކު އެ ރަށުގެ ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި 6 އަހަރު ދުވަސް ދިނުމުގެ އިތުރުން ކުރީގެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖުރިމަނާ ދައްކަން ނުޖެހޭ ގޮތަށް އެއްބެސްވުމުގައި ހިމަނާފައިވާ މައްސަލަ.
- ލެޝަރ ބީޗް ޕްރައިވެޓް ލިމިޓެޑަށް ވ. ފޮއްތެޔޮ ބޮޑުފުށީގެ ވޯކް ޕްލޭން މިނިސްޓްރީ އަށް ހުށަހެޅި ދުވަހުން ފެށިގެން ސެޓްލްމެންޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހާ ހަމައަށް ހިނގާ މުއްދަތު 30 ދުވަހަށް ރައުންޑް-އޮފްކޮށް ލީޒް އެގްރީމެންޓަށް އިތުރުކޮށްދީ، ރަށުގެ ރީޒް އެގްރީމެންޓަށް ގެންނަ އިސްލާހެއްގައި ދެ ހަފުތާ ތެރޭގައި ސޮއިކުރި މައްސަލަ.
- އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑަށް ނ. ރާފުށީގެ ބަދަލުގައި ނ. އެކުޅިވަރު 99 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާ އެކު އެ ރަށުގެ ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި 6 އަހަރު ދިނުމާއި ކުރީގެ ލީޒް އެގްރިމެންޓާ ގުޅޭ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވި މައްސަލަ.
އެއްބަސްވުންތައް އުވާލައިގެން ގެއްލުންވި ފަރާތްތަކަށް ބަދަލު ނަގައިދޭން، މިދިޔަ ސަރުކާރުން އެކުލަވާލި ސެޓްލްމެންޓް ކޮމިޓީ ރައީސް ޑޮކްޓަރ. މުހައްމަދު މުއިއްޒު ވަނީ އުވާލައްވައިފަ އެވެ.