ENGLISH

13 މޭ 2026

Advertisement

ބިދޭސީން އެތެރެކުރާ ނިޒާމު ހަރުދަނާ ކުރަން އެޖެންސީތައް އުފައްދަނީ

13 މޭ 2026

|

އައިމިނަތު ޝަފާ

ރާއްޖެއަށް ބިދޭސީން އެތެރެކުރާ ނިޒާމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރަން އެޖެންސީތަކެއް އުފެއްދުމަށް އަންނަނީ މަސައކްކަތް ކުރަމުން.

ރާއްޖެއަށް ބިދޭސީން އެތެރެކުރާ ނިޒާމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރަން އެޖެންސީތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ޚިހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުން ގަބޫލުކުރާ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ 2008 ވަނަ އަހަރާ ހަމައަށް ބިދޭސީން ގެންނަ 140 އަށް ވުރެ ގިނަ އެޖެންސީތައް ރަޖިސްޓްރީކޮށްފައިވީނަމަވެސް 2012 ވަނަ އަހަރާ ހަމައަށް އައިއިރު އެޖެންސީތަކުގެ ދައުރު ވަރަށް ބޮޑަށް ހަނިކޮށްފައިވާކަމަށެވެ. 

އެހެންކަމުން ވަޒީފާ ދޭ މީހުންނާ ގުޅިގެން ރާއްޖެއަށް އައުމުގެ މަސައްކަތް ބިދޭސީން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ބިދޭސީން އެތެރެކުރުމަށް ވަޒީފާދޭ މީހުންނަށް ފުރުސަތު ފަހިވުމާއި ބިދޭސީން މެދުވެރިވެގެން ބިދޭސީން ރާއްޖެއަށް ގެނައުމުގެ ފުރުސަތު ފަހިވެފައި އޮތުމުން އެކަމުގެ ނާޖާއިޒު މަންފާ ނަގަމުންދާކަމަށް ވަޒީރު ވިދާޅުވި އެވެ. މިގޮތަށް މީހުން ގެންނަތާ 17 އަހަރު ވެފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. 

"މައުލޫމާތު ލިބިފައި ހުރި ގޮތުންނަމަ ބިދޭސީއަކު ރާއްޖެއަށް ގެނައުމަށް 3،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ އަދަދުތަކުން ބިދޭސީންގެ އަތުން ފައިސާ ނަގައިގެން، ކޮމިޝަން ނަގައިގެން އެ ލައިންގައި ތިބޭ މީހުންނަށް ބައި އަޅައިގެން،". ވަޒީރު ވިދާޅުވި އެވެ. 

ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އެ މީހުން އެތެރެކުރާނެ އޭޖެންސީތައް ގާއިމްކޮށް، އެ މީހުން އޮޑިޓްކުރެވޭނެ ނިޒާމެއް ގާއިމްކޮށް އާމްދަނީ ލިބޭނެ ގޮތްތައް ގާނޫނުގައި ހިމަނައިގެން ނިޒާމު ބަދަލުކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވުޒާރާއިން ބުނެ އެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:

1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި

2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި

3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު