ENGLISH

20 އޭޕްރީލު 2025

Advertisement

އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި 22 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދޭ މުއްދަތު އިތުރުކޮށްދީފި

19 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ގްރީން ބިލްޑިންގައި އަލިފާން ރޯވެފައި: ފުލުހުން ގެންދަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަމުން

މީގެ ހަފުތާއެއް ކުރިން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުންގެ ތެރެއިން 22 މީހަކަށް ދިން ބޯހިޔާވަހިކަމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ ހާދިސާ އާ ގުޅިގެން ސަލާމަތާއި ރައްކާތެރި ކަމަށް ބަލައި އެ ސަރަހައްދުގައި ހުރި 3 އިމާރާތެއްގެ 7 ގޭބީސީއަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރި އެވެ. އެއީ 15 ފިރެހެނުންނާއި 14 އަންހެނުންނެވެ.

އެންޑީއެމްއޭއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގްރީން ބިލްޑިންގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު 29 މީހުންގެ ތެރެއިން 5 މީހަކު އެ މީހުންގެ އަމިއްލަ ގެތަކަށް ބަދަލުވެފައިވާ ކަމަށެވެ.

ބާކީ ތިބި 22 މީހުންނަށް އިތުރު ފަސް ދުވަހަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމަށް މިހާރު ވަނީ ނިންމާފައެވެ. 

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

ކިޔުންތެރިންގެ ހިޔާލު