ENGLISH
20 އޭޕްރީލު 2025
ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް: ހެލްތު މިނިސްޓަރު
19 ޑިސެމްބަރު 2024
|
ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އ.ދ ގެ އިދާރާ ޔުނިސެފް އިން އިސްނަގައިގެން، ކަމާގުޅޭ އެންމެހާ އިދާރާތަށް އެއް މޭޒު ދޮށަށް ގެނެސް މަޝްވަރާކުރުމަށް "ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގެ ތީމަކީ އަދާއި މާދަމާގެ ޖީލު، ދުންފަތުން ރައްކާތެރިކުރުމުގެ މައްޗަށް އަދި ވަކިން ޚާއްޞަކޮށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމެވެ. މި ބައްދަލުވުމުގައި ވަނީ މި ތީމާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދުންފަތުން މީހުން ރައްކާތެރިކުރުމަށް އަދި ވަކިން ޚާއްޞަކޮށް ޅަ ދަރީން ދުންފަތުގެ ތަފާތު ބާވަތްތަކަށް ހުށަހެޅޭ ހުށަހެޅުމުން ސަލާމަތްކުރުމަށް، ސަރުކާރުން އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ތަންފީޒީ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މިއީ މުނާސަބު ވަގުތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި އެހެނިހެން ފިޔަވަޅުތަށް އެންމެ އެކަށީގެންވާ އަދި ނަތީޖާ ޙާޞިލުވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.