ENGLISH

20 އޭޕްރީލު 2025

Advertisement

އިމިގްރޭޝަން ވޮޗަށް އެންމެ ގިނައިން ހުށައަޅަނީ ޤާނޫނާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތައް: އިމިގްރޭޝަން

19 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

އިމިގްރޭޝަން ވޮޗަށް މިހާތަނަށް އެންމެ ގިނައިން ހުށައަޅާފައި ވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ޤަވައިދާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަތައްް ކަމަށް އިމިގްރޭޝަނުން ހާމަކުރެއްވި ރެކޯޑްތަކަކުން ދައްކައިފިއެވެ. 

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް 1017 މައްސަލަ ހުށައަޅާފައިވާއިރު، އޭގެތެރެއިން  239 މައްސަލައަކީ ޤާނޫނާ ޚިލާފަށް ވިޔަފާރި ކުރާތީ ހުށަހެޅި މައްސަލަތަކެވެ.

ދެވަނަ އަށް އެންމެ ގިނައިން ހުށައަޅާފައި ވަނީ ހަށިވިއްކުމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 65 މައްސަލައެވެ. 

އޭގެ އިތުރުން، ވަޒީފާއަށް ފިލުމުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލައެއްގެ އިތުރުން އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ، އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލައެއް ވަނީ ރިފޯޓުކޮށްފައެވެ.

އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައިގެ އިތުރުން ހިއުމަން ޓްރެފިކިންގެ 7 މައްސަލަ، ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުގައިވެއެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރީ މިއަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުގައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފަވާއިރު ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަ މަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ޝަމްޢާން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ފެއްޓެވި ޚާއްޞަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު