ENGLISH
20 އޭޕްރީލު 2025
18،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި
18 ޑިސެމްބަރު 2024
|
ބިދޭސީންގެ މައުލޫމާތު ޑޭޓާ ބޭސްއަށް އެޅުމުގެ މަސައްކަތްކުރަނީ
އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 18,000 ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފި އެވެ.
އެ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން މި އަހަރު މޭ 2 ގައި "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ފެށި އޮޕަރޭޝަނެކެވެ. އަދި އެ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
"ސަރުކާރު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެފައިވީ މިހާތަނަށް 18919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށާއި 194 ރަށެއްގައި އެ މަސައްކަތް ފަށައި 50 ރަށެއްގައި އެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ޔަގީންކުރާނެ އެވެ. އެ މައުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުންނެވެ.
އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އވެެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ތިން އަހަރުގެ ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ސަރުކާރުން އަމާޒުކޮށްފައިވެ އެވެ. އެ އަމާޒުގައި ފެށި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެ އެވެ.
ފުރަތަމަ މަރުހަލާއަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.