ENGLISH
20 އޭޕްރީލު 2025
އަންނަ މަހުން ފެށިގެން ވެމްކޯއިން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ބިލްކުރާނީ ކަރަންޓު ބިލާ އެއްކޮށް
18 ޑިސެމްބަރު 2024
|
އަންނަ މަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަތޮޅު ތެރޭގެ ރަށްތަކަށް ވެސް ބިލްކުރާނީ ކަރަންޓު ބިލާ އެކުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެންމެ ފުރަތަމަ އެ ކުންފުނިން ކުނި ބިލު ކަރަންޓް ބިލާއި އެއްކޮށް ފޮނުވަންފެށީ މިދިޔަ އަހަރު މާލެ ސަރަހައްދުުގައި އެކަންޏެވެ. ވެމްކޯ އިން މިހާރު ވަނީ ލ. ފޮނަދޫ އާއި ކ. މާފުށީގައިވެސް މި ޚިދުމަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވެމްކޯގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް އެންޑް ޕްރޮޖެކްޓް މުހައްމަދު އަކްރަމް ވިދާޅުވީ ކުނި ބިލު ކަރަންޓު ބިލާ އެއްކޮށްލުމުން ބިލްދައްކާ މީހުންނަށް ފަސޭހަ ވާނެ ކަމަށެވެ. އަދި ކުނި ބިލު ކަރަންޓު ބިލުގައި ހިމަނާފައި ފޮނުވާނީ މީޓަރަށް 34 ޔުނިޓް އަރާ ގޭބިސީތަަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުން ފެށިގެން ވެމްކޯއިން އަތޮޅު ތެރޭގެ ސަރަހައްދުތަކުގައި ޚިދުމަތްދޭ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާއިރު ވެމްކޯ އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރަށްރަށުގައި ވެސް ވެމްކޯގެ ބިލު، އެ ތަނެއްގެ ކަރަންޓު ބިލާ މާޖުކުރާނެ ކަމަށެވެ. އަދި ގިނަ ދުވަހަށް ރަށުން ބޭރަށް ދާ ހާލަތްތަކުގައި، ކަރަންޓު ބިލަށް 34 ޔުނިޓު ނާރާނަމަ، އެ މަހެއްގައި ވެމްކޯއިން އެ ގޭބިސީއަކަށް ބިލު ނުކުރާނެކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާފިއު ވިދާޅުވީ މީގެ ކުރިން ކޮންމެ ދުވަހަކު ކުނި ނެގުމުގެ ޚިދުމަތް ނުދިން ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ވެމްކޯގެ ޚިދުމަތް ދޭ ރަށްތަކުގައި އެ ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
ވެމްކޯއިން ކުނީގެ ޚިދުމަތްދޭ އަގުތަކަށް ބަލާއިރު ކޮންމެ ގޭބިސީއަކަށް އަގު ކުރަނީ 150 ރުފިޔާއެވެ. އަދި ވިޔަފާރީތަކަށް ނަގަނީ ކޮންމެ ދުވަހަކަށް ލިޓަރަކަށް 20 ލާރިއެވެ. އަދި ގޭޓް ފީގެ ގޮތުގައި ޓަނަކަށް 212 ރުފިޔާ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.