ENGLISH

20 އޭޕްރީލު 2025

Advertisement

ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓަރ ޕްލޭން އަންނަ އަހަރު ނިންމާލެވޭނެ: ވަޒީރު ނާޒިމް

18 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓާރ ޕްލޭން އަންނަ އަހަރު ކުރީކޮޅު ނިންމާލެވޭނެ ކަމަށް ސިއްހަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ 4 ވަނަ ގައުމީ ވަށްމޭޒު ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

"ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލަކާ ދިމާލަށް" ޝިއާރުގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އެޑްވާޑް އައްދާއީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުނިސެފުން އިސްނަގައިގެން ފަށާފައިވާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމާއި ވޭޕް މަނާކުރުން ތަންފީޒުކުރުމުގެ މަޢުޟޫއު އަށް ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ގިނަ ދުވަސްވީ އެފަދަ އާދަތައް ނައްތައިލުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެންމެން ގުޅިގެން މަސައްކަތް ފަށައިފި ނަމަ ކާމިޔާބުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހި މުޖުތަމަޢަކީ ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުމަށް، މީގެ ކުރިން ވެރިންނަށް ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެންގެވުމަށް ރާއްޖޭގައި ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރުން ހުއްޓުވައި، ދިވެހިންނަކީ ދުންފަތުގެ ބާވަތްތަކުން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ ރާއްޖެއަށް އެތެރެކުރެވޭ ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކޮށް، ވޭޕްގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުން މަނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު