ENGLISH

04 މޭ 2026

Advertisement

ފުލެޓުގެ އެތެރެ ނުނިންމާ ސަރުކާރުން ތަން ހަވާލުކުރުމުގެ ބުރަ ރައްޔިތުން އުފުލަންނުޖެހޭނެ: ޑރ.މުއްތަލިބު

04 މޭ 2026

|

ޝިފްޒާން އަޙްމަދު

އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އަަޅާ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނުނިންމައި އެތަންތަން ރައްޔިތުންނާ ހަވާލުކުރުމުން އެކަމުގެ ބުރަ ރައްޔިތުން އުފުލަންނުޖެހޭނެ ކަމުގައި އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމުވަނީ ހިޔާ ފުލެޓުތަކުގެ ކުލި ބަރާބަރަށް ދައްކަމުން އަންނަ މީހުންނަށް ދެ އަހަރުގެ މުއްދަތަކަަށް ކުލި މައާފުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާމެދު ވަޒީރާ ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރުވަނީ ހިޔާ ފުލެޓުތަކުގެ ކަންކަން ކުރިއަށްދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން 5،300 ރުފިޔާގެ ކުއްޔަކަށް ދޫކުރަން ކަނޑައެޅި ފުލެޓުތައް ކުރީ ސަަރުކާރުން ކުއްޔަށް ދޫކުރީ 7500 ރުފިޔާއަށް އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1،000 ރުފިޔާ ދައްކަންޖެހޭ ގޮތަށްކަން ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ އެއިރު ރައީސް ޔާމީނުގެ ސަރުކާރުގައި މަސައްކަތްކުރަމުންދިޔައީ ހިޔާ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށް ލޯނެއް ނެގުމަށް ކަމަށެވެ. ނަމަވެސް ޖެހިގެންއައި ސަރުކާރުން ނިންމީ ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނުނިންމައި ހަވާލުކުރުމަށްކަމަށާއި، އެކަމުގެ ސަބަބުން ފުލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ އަތުން 200،000 އެއްހައި ރުފިޔާ ހަރަދުވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފުލެޓުވެރިންނަށް ޖެހުނީ ބޭންކުތަކުން ލޯނުތަކެއް ނަގައިގެން އެ މަސައްކަތް ކުރަންކަން ފާހަގަކުރެއްވިއެވެ. 

"ދިވެހި ސަރުކާރުން މަޝްރޫއެއް ނިންމާއިރުގައި ފުލެޓު އިމާރާތުގެ އެތެރެ ނުނިންމައި ދިނުމަކީ އެއީ ރައްޔިތުމީހާ އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެއް ނޫން. މި ސަރުކާރުން ކުރި ކަމަކީ އެ ރައްޔިތުމީހާ ކުރި ހަރަދު ހޯދައިދެވޭނެ ކޮންމެވެސް ގޮތެއް ހަމަޖައްސައިދިނީ. އެ ހޯދައިދޭ ގޮތަކީ އެއްފަހަރާ ފައިސާ ދިނުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން. ކުލި ބަރާބަރަށް ދައްކަމުން އައި ފަރާތްތަކަށް ދެ ލައްކަ ރުފިޔާ ހަމަވަންދެން ކުލި ކަނޑުއްވައިދެއްވީ،" ވަޒީރު ވިދާޅުވިއެވެ. 

އަދި މިއީ ކުލި ބަރާބަރަށް ދައްކަމުން އައި މީހުންނަށް ދެއްވި ލުއެއްކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ އެއީ ކުލި ކުޑަކުރުމަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރި ފުލެޓުތަކުގެ އަގަކީ އެ ފުލެޓުތައް އެޅުމަށް ނަގާފައި ހުރި ލޯނުތައް ދެއްކޭނެ ގޮތަށް ބަލައިގެން ތަންތަނުގެ ސައިޒަށް ރިއާޔަތްކޮށްގެން ކަނޑައަޅާފައިވާ އަގުުތަކެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އެ އަގު ކަނޑައެޅީ ލޯނު އަދާކުރުމުގެ ހޭދައާއި ސަބްސިޑައިޒްކުރެވޭ މިންވަރަށް ބަލައިގެން ކަނޑައެޅި އަގުތަކެއް ކަމަށްވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު