ENGLISH
20 އޭޕްރީލު 2025
ވޭޕް ބޭނުންކުރި ހަތަރު މީހަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި
18 ޑިސެމްބަރު 2024
|
ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާޚިލާފުވި ހަތަރު މީހަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާޚިލާފުވި ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ހަތަރު މީހުން ޖޫރިމަނާކޮށްފައި ވަނީ 20،000 ރުފިޔާ އިންނެވެ.
ޑިސެމްބަރު 15 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޤާނޫނުގައިވާ ގޮތުން ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، ދިވެހި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާ ގުޅިގެން، އިލެކްޓްރޯނިކް ސިނގިރޭޓު ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށްދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ޤާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވެގެން ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަމުގެ މަޢުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރެއްވުމަށާއި، މި ޤާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
ޤާނޫނުގައިވާ ގޮތުން ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް 10،000 ރުފިޔާ އިން ޖޫރިމަނާކުރަން ޤާނޫނުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަ ކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000 ރުފިޔާ އަށް ބޮޑުވާނެ އެވެ.
ވޭޕް އެތެރެކުުރުމާއި ބޭނުންކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށްފައިވާ އިރު، ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވެސް ބޮޑުތަނުން ބޮޑުކޮށްފަ އެވެ.