ENGLISH
20 އޭޕްރީލު 2025
ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަކީ އަޅުގަނޑުމެންގެ ނަސީބު: ހަސަން ވަހީދު
18 ޑިސެމްބަރު 2024
|
އެމް.އެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވަޒީރުގެ ނައިބު ހަސަން ވަހީދު ވާހަކަދައްކަވަނީ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަމާ ހަވާލުވެވުނީކަމީ ރައްޔިތުންނަށް ލިބުނު ނަސީބެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ނައިބު ހަސަން ވަޙީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރުގެ ނައިބު، ހަސަން ވަހީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވިއިރު އޮތީ ތޮށިގަނޑެއް ކަމަށާއި، މިހާރު ރާއްޖޭގެ ހާލަތު ރަނގަޅުވަމުން މިދަނީ އެ މަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅުގެ ސަބަބުން ކުރެވެމުންދާ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އޭރުގެ ސަރުކާރަށް ގިނަ ގޮތްގޮތުން ރާއްޖޭން ބޭރުން އެހީތެރިކަމާއި ފައިސާގެ އެހީ ލިބިގެންގޮސްފައިވާކަން ހިސާބުކިތާބުންނާއި، ދައްކާފައި ހުރި ވާހަކަތަކުން ފެންނަންހުރި ނަމަވެސް، އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް އަދި މަންފާއެއް ވެސް ލިބިފައިނުވާ ކަމަށް ވެސް ހަސަން ވަހީދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށްވީ، ވެވިފައި އޮތީ، ލިބިފައި އޮތީ ކޮން ފައިދާއެއްތޯ ކޮން މަންފާއެއްތޯ. އެއްކަލަހެން ހަމަ އިނގިލި ދިއްކޮށްލާފައި ޒީރޯއޭ އަޅުގަނޑުމެން ދަންނަވަންޖެހޭނީ އިނގޭތޯ،" ހަސަން ވަހީދު ވިދާޅުވިއެވެ.
ހަސަން ވަހީދު އިތުރަށް ވިދާޅުވީ، ވެއްޓިފައި، އިނދަޖެހިފައި އޮތް ސަރުކާރެއް ނަގާކޮޅަށް ޖެހުމުގެ މަސައްކަތްތަކެއް ވަރަށް ބާރު ސްޕީޑުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން އެބަގެންދަވާ ކަމަށެވެ. އެކަމަކު، އެ މަސައްކަތްތައް އެހާ ފުރިހަމައަށް ކުރައްވަމުން ގެންދެވި ނަމަވެސް، މި ސަރުކާރުން އެންމެ ބޭނުންވާ ދުވެލީގައި ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ނުކުރެވި ލަސްވަނީ މާޒީގައި ނިމިގެންދިޔަ ސަރުކާރުން ކޮށްފައިވާ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކަމަށެވެ.
ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، އެކަންކަން އަދުގެ ސަރުކާރުން ރަނގަޅު ކުރައްވަމުން ކުރިއަށް ގެންދަވާނެ ކަމަށާއި، މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެއްޓިފައި އޮތް އެއްޗެއް ނަގާ ކޮޅަށްޖެހުމުގެ މަސައްކަތްކުރާ ބީދައިން ކުރެވޭ މަސައްކަތްތަކެއް ކަމަށް ވެސް ހަސަން ވަހީދު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރާ ހަވާލުވިއިރު އޮތް ގޮތަށް ދެމިގެންދިޔަނަމަ އެންމެ ކައިރީގައި އޮތް ސްރީ ލަންކާ އަށް ކުރިމަތިވި ފަދަ ކަންތައްތަކެއް ކުރިމަތިވީސް ކަމަށާއި، އެކަމަކު އެހެން އެގޮތަށް ވާން މެދުވެރިނުވީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއެކީ އަރިހުގައި މަސައްކަތްކުރައްވާ ވަޒީރުންނާއި އެހެން ބޭފުޅުންގެ ފުރިހަމަ މަސައްކަތާއި، މާތްﷲ ގެ ހެޔޮ ރަހުމަތާއެކީ ކަމަށް ވެސް ހަސަން ވަހީދު ވިދާޅުވިއެވެ.