ENGLISH
20 އޭޕްރީލު 2025
ރައްޔިތުންގެ ތެރޭގައި ނުބައި ތަސައްވުރެއް އުފެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ނަރީޝް
18 ޑިސެމްބަރު 2024
|
އެމްމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ
މިހާ އުނދަގޫ ހާލަތެއްގައި ވެސް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދާ، ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވުރެއް އުފެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ، އަހްމަދު ނަރީޝް ވިދާޅުވިއެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ މިހާ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުން ބޮޑު ހިތާމައެއްގެ ތެރޭގައި ތިއްބާ އެފަދަ ކަންތައްތަކަކީ ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔައީ ރައްޔިތުންނާއި ގުޅުންހުރި މުހިންމު މުއައްސަސާތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ޚާއްސަކޮށް ސިޓީ ކައުންސިލާއި ހައުސިންގ މިނިސްޓްރީއާ މިއީ އެތައް ރައްޔިތުންގެ ވަރަށް ހައްސާސް ކަންތައްތަކާ ގުޅުންހުރި ދެ މުއައްސަސާ. މިހާ ހައްސާސް ކަންތައްތަކާ ގުޅޭ ދެ މުއައްސަސާއާ ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ނުބައި ތަސައްވުރެއް އުފެއްދުމަކީ ކޮށްގެންވާނެކަމެއް ނޫން. މިއީ ވަރަށް ނާ ތަހުޒީބު ވަރަށް ދަށު ދަރަޖައިގެ އަމަލެއް ހަގީގަތުގައި" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި ޑޮކިއުމެންޓަރީތައް ސަލާމަތްކުރުމަށް މާލެ ސިޓީ ކައުންސިލާއި، ހައުސިންގ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ވާހަކަދެކެވިގެން ދަނީ ރައްޔިތުންގެ މުހިންމު ލިތެކިޔުންތައް ސަލާމަތްކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ދެއްކުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.